އެސްޓީއޯ ޕީޕަލް ޗޮއިސް އިން ބާޒާރު ކޮށްގެން ހަދިޔާ އެއް ލިބޭ ކެމްޕެއިނެއް

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ބާޒާރުކުރާއިރު ފޮތި ކޮތަޅު ބޭނުންކޮށްގެން ހަދިޔާ ލިބޭ ކެންޕެއިން ލޯންޗު ކުރުމުގެ ތެރެއިން: ފޮޓޯ / އެސްޓީއޯ

އެސްޓީއޯ ޕީޕަލް ޗޮއިސް އިން ބާޒާރު ކޮށްގެން ހަދިޔާ އެއް ލިބޭ ކެމްޕެއިނެއް ލޯންޗުކޮށްފިއެވެ.

މި ކެމްޕެއިންގެ ނަމަކީ “ޕްލާސްޓިކް ނޫން ގޮތެއް ރިވާޑްސް” އެވެ. އެސްޓީއޯ ޕީޕަލް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކެމްޕެއިން ލޯންޗު ކޮށްދެއްވީ އެސްޓީއޯގެ އެމްޑީ ހުސައިން އަމްރުއެވެ.

މި ކެމްޕެއިންގެ މައިގަނޑު އަމާޒަކީ ބާޒާރު ކުރާއިރު ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކޮށް، ފޮތި ކޮތަޅު ބޭނުން ކުރުމަށް ބާރު އެޅުމެވެ. މި ހަރަކާތަކީ މޯލްޑިވްސް އޮތެންޓިކް ކްރާފްސްޓް ކޯޕަރޭޓިވް ސޮސައިޓީ، ޖީއީއެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމް ފަންޑިންގެ ދަށުން، ޔޫއެންޑީޕީގެ އެހީތެރިކަމާއިއެކު ހިންގާ ހަރަކާތެކެވެ. އެސްޓީއޯ އަކީ މި ހަރަކާތުގެ ޕާޓްނަރެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓާއި ރައްޓެހި ކަންކަން އެކުންފުނީގައި ތައާރަފުކޮށް އެކަން ދެމެހެއްޓުމަށް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެސްޓީއޯ އިން ހިންގާ 189 ފާމަސީތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލިކަން އަމްރު ވިދާޅުވިއެވެ.

“އެސްޓީއޯ ޕީޕަލްސް ޗޮއިސްގައިވެސް އަހަރަކު އެއް މިލިއަން ކޮތަޅު އަޅުގަނޑުމެން އެބަ ބޭނުންކުރަން. އެހެންވީމަ އަޅުގަނޑުމެން ޕްލާސްޓިކް ބޭގްސް މި ދެ ތަނުން ހުއްޓާލިއަސް އެއީ އަހަރަކު ދެ މިލިއަން ޕްލާސްޓިކް ކޮތަޅު އަޅުގަނޑުމެންނަށް ރާއްޖެއަށް އެތެރެކުރުން އެ މަދުކުރެވުނީ.” އަމްރު ވިދާޅުވިއެވެ.

މި ހަރަކާތުގެ ދަށުން 500 ފޮތި ކޮތަޅު ހިލޭ ބޭނުން ކުރުމަށް ވަނީ ނިންމައިފައެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މި ކޮތަޅު ބޭނުންކޮށްގެން ވިޔަފާރިކުރުމުން މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަސްޓަމަރުންނަށް ޕޮއިންޓްސް ލިބޭނެއެވެ. އަދި ވަކި ވަރަކަށް ވިޔަފާރިކުރުމުން ލިބޭ ޕޮއިންޓްތައް ބަދަލުވެގެން ދާނީ ހަދިޔާއަށެވެ. ހަދިޔާ ލިބޭނީ އެސްޓީއޯ އިން 100 ރުފިޔާ އާއި 500 ރުފިޔާއާ ދެމެދުގެ އަދަދު ތަކެތިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.