ގާނޫނީ ހައިސިއްޔަތެއް ނެތި ދައުލަތުގެ މުދާ ޖިހާދު ބޭނުންކުރުމުން ސިވިލް ކޯޓުގައި ދައުވާކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު/ ފޮޓޯ- ރައީސް އޮފީސް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދައުލަތުން ނުހައްގުން މުއްސަނދިކަން ހޯދުމުން ބަދަލު ހޯދުމަށް ދައުލަތުން ދައުވާކުރަން ނިންމައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކާބެހޭ ޤާނޫނުގެ ދަށުން ނިމިދިޔަ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ޖިޙާދު ދިރިއުޅުއްވުމަށް ދައުލަތުގެ ފަރާތުން “ރެހެންދި 3” ގެ 2 (ދޭއް) ފްލެޓް ހަމަޖައްސައިދިން ކަމަށެވެ.

އަދި ރިޔާސީ ދައުރު ހަމަވުމަށްފަހު، އެތަން ހުސްކުރަން ދައުލަތުން އެންގުމުންވެސް އެތަން ހުސްނުކޮށް ޤާނޫނީ ހައިސިއްޔަތެއް ނެތި 1 އަހަރާއި 3 މަސް ވަންދެން އޭނާ ގެންދެވީ އެތަން ބޭނުން ކުރައްވަމުން ކަމަށެވެ. އަދި އޭނާ އެތަން ދޫކޮށްލެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނީ ގާނޫނީ ހައިސިއްޔަތެއްނެތި ޢަބްދުﷲ ޖިޙާދު ދައުލަތުގެ މުދަލެއް ބޭނުންކޮށްފައިވާ މުއްދަތަށް އޭނާގެ ކިބައިން ކުލި ހޯދުމުގެ ޙައްގު ދައުލަތަށް ލިބިގެންވާކަމަށް ކަނޑައަޅައިދީ، ނުހައްގު މުއްސަނދިކަން ހޯދާފައިވާތީ، އެތަނުގެ ކުއްޔާއި މެއިންޓެނަންސް ފީ އާއި ޔުޓިލިޓީ ފީސްގެ ގޮތުގައި ޖުމްލަ 1،109،227.36 (އެއްމިލިއަން އެއްލައްކަ ނުވަހާސް ދުވިސައްތަ ހަތާވީސް ރުފިޔާ ތިރީސް ހަ ލާރި) ދައުލަތަށް އެކީ އެއްފަހަރާ ހޯދުމަށް ސިވިލް ކޯޓަށް މިއަދު ވާނީ ދައުވާ ހުށަހަޅާފައި ކަމަށެވެ.

ޖިހާދު ނައިބު ރައީސަކަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ޖިހާދަކީ ރައީސް ޔާމީންގެ ސަރުކާރުގެ ތިންވަނަ ނައިބު ރައީސެވެ.

ނޮވެމްބަރު 17، 2013 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސަކީ މުހައްމަދު ޖަމީލް އަހުމަދެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލިހުން ޖުލައި 2015 ގައި ވަކިކުރުމުން މަގާމު ގެއްލުނީ އެވެ. އޭގެ ފަހުން ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވީ ރައީސް ޔާމީނާ އެ ދުވަސްވަރު އެންމެ ގާތްގުޅުމެއް ބޭއްވި އަހުމަދު އަދީބެވެ.

ނަމަވެސް ރައީސް ޔާމީން އަވަހާރަކޮށްލަން "ފިނިފެންމާ" ގައި އައިއީޑީއެއް ގޮއްވާލި މައްސަލާގައި، އޮކްޓޫބަރު 26، 2015 ގައި އަދީބު ހައްޔަރުކުރުމާ ގުޅިގެން ނައިބު ރައީސްކަމުގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރައްވައި ގިނަ ދުވަސްތަކެއް ވާތީ، ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގަތެވެ.

ހިޔާލު ދެއްވާ!

Your email address will not be published.