ރިފްކޮ ނުކުތީ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރު “ކުރިއަށް ކަނޑަން”!

ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާއަކުން ރިފްޤާ ޝިހާމް (ރިފްކޮ) ހައްޔަރުކޮށްގެން ގެންދަނީ: ރިފްކޮ ވާދަ ކުރައްވަނީ އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް

މުޒާހަރާތަކުގެ ކުރީ ސަފުން އޭނާ ފެންނާނެއެވެ. އޭރު ވެސް އަނިޔާއާ ދެކޮޅަށް ހަރު އަޑުން އަޑުއުފުލިއެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އެމްޑީޕީން ނުކުތް ޒުވާނުންގެ ތެރެއިން އޭނާއަކީ “ފިސާރި އަންހެނެކެވެ.” އަންހެނަކަށް ވީތީ، ފަސްޖެހުމެއް، ވަރުބަލިކަމެއް އޭނާގެ ފަރާތަކުން ނުފެނެއެވެ. އެއީ ރިފްޤާ ޝިހާމް (ރިފްކޮ)އެވެ.

ޒުވާން އުމުރުގައި ސިޔާސީ ދަނޑަށް ނުކުމެ، ލިބުނު ތަޖުރިބާތަކާ އެކު، ރިފްކޮ މިއަދު ނުކުމެ ހުރީ އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ރައީސްގެ މަގާމަށެވެ. އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ އަމާޒަކީ ޕާޓީގެ އެކިއެކި ހަރަކާތްތަކުގައި ޒުވާނުން ބައިވެރިކޮށް، ޕާޓީން ހިންގާ ހަރަކާތްތަކުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމެވެ. އަދި ޒުވާން އާ މެމްބަރުން ޕާޓީއަށް އިތުރުކޮށް، ޒުވާނުންނާ ގުޅޭ ސިޔާސަތުތައް ޕާޓީގެ އެތެރޭގައި ކުރިއަރުވައި ގައުމީ ފެންވަރުގައި އެފަދަ ސިޔާސަތުތައް ތަންފީޒުކުރަން ބާރުއެޅުމަކީ ވެސް ޒުވާނުންގެ ހިތްވަރުގެ އަމާޒެވެ.

ރިފްކޮ “ހަތާވީސް އޮންލައިން”އަށް ބުނީ ޒުވާނުންގެ ހިތްވަރުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ތަސައްވުރަކާ އެކުގައި ކަމަށާއި އެންމެ މުހިއްމު އަސާސަކީ ޕާޓީގެ ޒުވާނުންގެ ހަރާތްތައް ލާމަރުކަޒުކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި  ހަރަކާތް ހިންގުން ކަމަށެވެ.

“އަޅުގަނޑަށް ފެނޭ ރަށްރަށުގެ ހަރަކާތްތައް މާ ރަނގަޅަށް ޖެއްސޭތަން. މިކަމުގެ ސަބަބުން ފައިދާކުރާނީ އަޅުގަނޑުމެން ޕާޓީ އިން ވާދަކުރާ އިންތިހާބުތަކަށް. އާދެ، އިރާދަކުރެއްވިއްޔާ ޒުވާނުންގެ ހަރަކާތައް ހއ. ތުރާކުނުން ފެށިގެން، އަޢްޑު އަތޮޅާ ހަމައަށް ގުގުމާލާނެ،” ރިފްކޮ ބުންޏެވެ.

ތާއިދު ހޯއްދުމަށް ރިފްކޮ ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތުގެ ތެރެއިން

އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަ ކުރާ ރިފްކޮ ވަނީ އޭނާގެ މެނިފެސްޓޯ އާންމުކޮށްފައެވެ. އޭނާގެ މެނިފެސްޓޯ އާންމުކުރީ ލ. ގަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރިފްކޮގެ މެނިފެސްޓޯގެ މައިގަނޑު ތިން ވައުދު؛

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ޔޫތު އެގްޒެކެޓިވްގެ މަގާމު ވެސް އަދާ ކުރަމުންދާ ރިފްކޮގެ މެނިފެސްޓޯގައި ހިމެނެނީ މައިގަނޑު ތިން ވައުދެކެވެ. “ކުރިއަށް ކަނޑަން” މި ޝިއާރުގެ ދަށުން ރިފްކޮ އާންމުކުރި މެނިފެސްޓޯގައި ހިމެނެނީ ސޯޝަލް ޒުވާނާ، ފިޓް ޒުވާނާ، ކާމިޔާބު ޒުވާނާ، މި ތިން ވައުދެވެ.

“ކުރިއަށް ކަނޑަށް މި ޝިއާރު ކަނޑައެޅީ މިވަގުތު ޒުވާނުންގެ ހިތްވަރު މަޑުޖެހިފައިވާ ހަރަކާތްތައް އަލުން އެކްޓިވްކޮށް ޒުވާނުންގެ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް. ވަރަށް ގިނަ ޒުވާނުންގެ ޝަކުވާއެއް ޕާޓީގެ ޒުވާނުންގެ ހިތްވަރު މަޑުޖެހިފައި އޮތުމަކީ. އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ އަލުން ވޯޓުލެވޭ ޒުވާނުންނަށް ޕާޓީގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދީ ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުން،” ރިފްކޮ ބުންޏެވެ.

ޒުވާނުން ސޯޝަލް ކުރުމަށްޓަކާ ރިފްކޮ ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޒުވާނުންގެ ސައްލާއެއް އަހަރަކު ދެ ފަހަރު ބޭއްވުމަށެވެ. އެ ސައްލާގައި ވުޒާރާތަކުގެ ސިޔާސަތުތަކާމެދު ޒުވާނުން ދެކޭ ގޮތް ހާމަކުރާނެއެވެ. އެއަށްފަހު އެ މަޝްވަރާތައް އެ ވުޒާރާތަކާ ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން އެމްޑީޕީ ޔޫތު ކޮންގްރެސްގެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކާ ހާއްސަ ކޮމެޓީއެއް އެކުލަވާލައި، ސްޓެޓްރީޖިކް ޕްލޭނެއްގެ ސިފައިގައި އެ ނިންމުންތައް ތަންފީޒުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރިފްކޮގެ މެނިފެސްޓޯގައިވެއެވެ.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތުގައި ރިފްކޮ

އެމްޑީޕީގެ ޒުވާނުންގެ މެދުގައި ތަފާތު އެކި މުބާރާތްތައް ބާއްވައި، ޒުވާނުން ފިޓްކުރުމަކީ ރިފްކޮގެ މެނިފެސްޓޯގެ ދެ ވަނަ ވައުދެވެ. ޒުވާނުން ފިޓްކޮށް ބޭތިއްބުމަށްޓަކާ އެމްޑީޕީން އިސްނަގައިގެން ތަފާތު ކުޅިވަރުތައް ބާއްވައި ގުޅުން ބަދަހި ކުރާނެ މާހައުލެއް އުފެއްދުމަކީ އޭނާގެ އަމާޒެކެވެ. މީގެ އިތުރުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކަމާގުޅޭ މާހިރުންނާ އެކު ސެޝަންތަކެއް ބާއްވާނެ ކަމަށް ރިފްކޮގެ މެނިފެސްޓޯގައިވެއެވެ.

އެންމެ ފަހު ވައުދަކަށް ރިފްކޮ ހުށަހަޅަނީ ކާމިޔާބު ޒުވާނަކަށްވުމަށް ހުރި ހުރަސްތައް ނައްތާލުމެވެ. އެގޮތުން އާޓް އިންޑަސްޓްރީއަށް ނުކުންނަ ޒުވާނުންނަށް އޮތް ހުރަސްތައް ނައްތާލައި، އާޓިސްޓުންނާއި ސަރުކާރާ ދެމެދު އޮތް ގުޅުމުގެ މެދުވެރިއަކަށް ޒުވާނުންގެ ހިތްވަރު ހެދުމެވެ. އަދި ކުދި ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވާ ޒުވާނުންނަށް އެންމެ ފަސޭހައިން ވާހަކަ ދެއްކޭނެ އަދި މަޝްވަރާކުރެވޭނެ މަގު ހުޅުވިފައިވާ ޕާޓީއަށް އެމްޑީޕީ ހެދުމެވެ.

“މެނިފެސްޓޯއަކީ އަޅުގަނޑުގެ ކެމްޕެއިން ޓީމުގެ މަޝްވަރާގެ މަތިން ހެދިފައިވާ ކަރުދާހެއް. ފިޓް ޒުވާނާއަކީ ކުޅިވަރުގެ އެކި ވުޒާރާތަކުގެ އިސް ފަރާތްތަކާއި މަޝްވަރާކުރެވި ހެދިފައިވާ ވައުދެއް،” ރިފްކޮ ބުންޏެވެ.

މިއީ ޒުވާނުންގެ ހިތްވަރުގެ އެންމެ ފޯރިގަދަ އިންތިހާބު

ޒުވާނުންގެ ހިތްވަރު އުފެއްދީ 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ބޭއްވި އެމްޑީޕީ ދެ ވަނަ ކޮންގްރެސްގައެވެ. މި ވޭތުވެދިޔަ 11 އަހަރު ތެރޭގައި ޒުވާނުންގެ ހިތްވަރުގެ ރައީސްގެ އިންތިހާބު މިހާރު ފޯރިގަދަވެގެން ގޮސްފައެއް ނުވެއެވެ. ފަސް އަހަރުގެ މުއްދަތަށް އިންތިހާބު ކުރާ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ދެން ވާދަ ކުރައްވަނީ މިހާރު ވެސް އެ ގޮފީގެ ނައިބު ރައީސްކަން އަދާކުރަމުންދާ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރެވެ. ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސްކަމަށް ހަމައެކަނި ވާދަ ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު މައިމޫން މުހައްމަދެވެ.

ރިފްކޮއަށް (މ) ތާއިދުކުރާ ބައެއް ޒުވާނުންނާ އެކު، ފޮޓޯއަކަށް ހުއްޓިގެން

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް މީގެ ކުރިން އިންތިހާބުވި ބައެއް ބޭފުޅުންނަކީ މިހާރު ވަޒީރުކަމަށާއި މަޖިލީހުގެ މެމްބަރުކަމަށް ވަޑައިގެންފައިވާ ބޭފުޅުންނެވެ. އެހެންކަމުން ޒުވާނުންގެ ހިތްވަރުގެ ރައީސްގެ މަގާމަކީ ވަރަށް ޝަރަފުވެރި މަގާމެކެވެ. އެ މަގާމަށް ހޮވޭ މީހަކު އޮޓަމެޓިކުން ގައުމީ މަޖިލީހުގެ ގޮނޑި ކަށަވަރުވެގެންދާނެއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ޗެއަރޕާސަންގެ މަގާމަށާއި އަންހެނުންގެ ރޫޙުގެ ރައީސް ވެސް އިންތިހާބުކުރާނެއެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ހޮވުމަށް ވޯޓުލެވޭނީ އުމުރުން 18 – 35 ދޭތެރޭ އެމްޑީޕީގެ ދަފްތަރުގައި ތިބި ޒުވާނުންނަށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.