ދެއްވި ޖަވާބަކުން ނަޝީދުގެ ނުރުހުން އަމީނަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދެއްވި ޖަވާބަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ހދ. މަކުނުދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު އިންނަވާނެ ޖާގަ އެބަހުރި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކައަށް ހެލްތު މިނިސްޓަރު އަމީންވަނީ ރައްދު ދެއްވާފައެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީވަނީ މަކުނުދޫ ސިއްހީ މަރުކަޒުގެ ހިދުމަތަށް އަންހެނުންގެ ޑޮކްޓަރަކާ ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ނުލިބޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އަދިވެސް އެރަށު ސިއްހީ މަރުކަޒުން އެ ހިދުމަތްތައް ނުދެވޭ ސަބަބާ ގުޅިގެން ހެލްތު މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، މަކުނުދޫ ސިއްހީ މަރުކަޒަށް ޑޮކްޓަރެއް ނުގެނެވިގެން އުޅެނީ ސިއްހީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނެތުމުގެ ސަބަބުން، މަރުކަޒުގެ އިމާރާތަށް ބަދަލުގެނައުމުގެ ފުރުސަތު ނުލިބުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ނަމަވެސް އެ މަސައްކަތަށް ކަނޑައެޅިފައިވާ މިންވަރުން އެ މަސައްކަތްތައް ކުރުމަށް މިހާރު ނިންމާފައި ވަނީ ކައުންސިލްތައް މެދުވެރިކޮށް ކަމަށާއި، އަންނަ އާދީއްތަ ދުވަހު އެ މަސައްކަތް ކައުންސިލާ ހަވާލުކުރެވި މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރެވި ހިދުމަތްތައް ފެށިގެންދާނެ ކަމަށެވެ.

އަމީން ދެއްވި ޖަވާބާއި މެދު ނުރުހުން ފާޅުކޮށް ނަޝީދު ވަނީ ފާދުވިދާޅުވާ ރާގެއްގައި ވާހަކަދައްކަވައިފައެވެ. އަދި މިނިސްޓަރު ދެއްކެވި ވާހަކައިން ދޭހަވީ މަކުނުދޫއަށް ޑޮކްޓަރުން ނުލިބިގެން އުޅެނީ ޑޮކްޓަރަކު އިންނާނެ ތަނެއް ނެތިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކައަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން ވަނީ ޑޮކްޓަރުން ނުގެނެވިގެން އުޅެނީ މަރުކަޒުގައި ޖާގައިގެ ދަތިކަން ހުރުމުން ކަމަށް ކުރިން ވިދާޅުވި ވާހަކަ އަނެއްކާވެސް ތަކުރާރުކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ފޯރުކޮށްދެވޭނީ އެކަމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ވެސް ގާއިމު ކުރެވިގެން ކަމަށެވެ. ރަށުގައި ޑޮކްޓަރަކު ހުންނަވައި، ހިދުމަތް ފޯރުކޮށްދޭނެ ޖާގަ ނެތުމުގެ ސަބަބުން އެ ހިދުމަތް ނުދެވުމަކީ ރައްޔިތުންގެ އުދާސްތައް އިތުރުވާނެ ކަމެއް ކަމަށެވެ.

އަމީންގެ ޖަވާބާ ގުޅިގެން އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް މަކުނުދޫ ސިއްހީ މަރުކަޒަށް އެތައްފަހަރަކު ދެވިފައިވާ ކަމަށާއި ޑޮކްޓަރަކު އިންނާނެ ޖާގަ އެ މަރުކަޒުގައި އެބަހުރި ކަމަށެވެ. އަދި އެރަށު ސިއްހީ މަރުކަޒުގައި ހުރި ވިއްސާ ކޮޓަރިއެއްކަމަށާއި އެތަންވެސް ބޭނުން ނުކުރާތާ 10 އަހަރުވެއްޖެ ކަމަށެވެ.

ނަޝީދަށް ރައްދު ދެއްވައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒުތަކެއްގައިވެސް ވިއްސާ ކޮޓަރި ހުންނާނެ ކަމަށާއި ވިއްސާ ކޮޓަރިއަކީ އެކަށީގެންވާ ޖާގައެއް ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ވިއްސާ ކޮޓަރި ބޭނުންކުރަނީ ވަރަށް މަދު ހާލަތެއްގައި ކަމަށާއި އަދި ބައެއް ރަށްރަށުގައި ވިއްސާ ކޮޓަރި ބޭނުން ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކުގެ ތެރެއިން ވެސް އަދި އެހެންވެސް އިންތިޒާމުތަކުގެ ތެރެއިން ވިހާ ކޮޓަރިއެއް ހުރުމަކީ ލާޒިމުކަމެއް ކަމަށާއި، އެއީ ކުއްލި ހާލަތެއްގައިވެސް ވިއްސަން ޖެހިއްޖެ ހާލަތެއްގައި ކޮންމެހެން ބަހައްޓަން ޖެހޭ ޖާގައެއް ކަމަށެވެ.

މަކުނުދޫ ސިއްހީ މަރުކަޒުގެ ހިދުމަތަށް އަންހެނުންގެ ޑޮކްޓަރަކާ ކުޑަކުދިންގެ ޑޮކްޓަރެއް އިތުރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. ނަމަވެސް ސަރުކާރަށް އަހަރެއް ވެގެންދިޔައިރުވެސް އަދިވެސް އެވައުދު ފުއްދިފައެއް ނުވެއެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.