ޔާމީން ޖަލަށްލުމަކީ ޑިމޮކްރެސީގައި ފަހަތަށް އެޅި ފިޔަވަޅެއް: ސަލީމް

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަކީ ޑިމޮކްރެސީގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމް ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގައި މަލްޓި ޕާޓީގެ ނިރުވަނީ އިންދިފައި ކަމަށާއި މަލްޓި ޕާޓީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އުންސުރަކީ ވާދަވެރި ސިޔާސީ ޕާޓީތަކުން ސިޔާސީ ދަނޑުގައި ހަރަކާތްތެރިވުން ކަމަށެވެ. އަދި ވާދަވެރިރި ސިޔާސީ ޕާޓީތަކުން ސަރުކާރު ޒިންމާދާރު ކުރާއިރު، އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނާއި އެކުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިސްކޮށް ހަރަކާތްތެރިވާން ޖެހޭ އެންމެ ނުފޫޒުގަދަ ލީޑަރު ކަމަށާއި ނަމަވެސް މިއަދު ރާއްޖޭގެ އިދިކޮޅު ޕާޓީގެ ލީޑަރު ނުހައްގުން ޖަލަށްލާފައިވާ ކަމަށް ސަލީމު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްވަނީ އިއްވާފައިވަނީ މިދިޔަ އަހަރުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައެވެ.

ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެދުމުން އެކަން ކޮށްދެވެން ނެތް ކަމަށް ބުނެ ހައިކޯޓުން ނެރުނު އަމުރު މުރާޖާ ކޮށްދޭން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުން އެކޯޓުން ބަލައި ނުގަންނަންވަނީ ނިންމަވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *