ރައީސް ޔާމީނާއި ބައްދަލުކޮށް ކަންބޮޑުވުންތައް އޮޅުން ފިލުވާ، ޑޮކްޓަރުން ދިން ލަފާ އާއިލާއާ ހިއްސާކޮށްފިން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ބައްދަލުކުރައްވާ އެމަނިކުފާނުގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ މާފުށި ޖަލަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި ރައީސް ޔާމީނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވާ ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފައާ ގުޅޭ ގޮތުންވެސް އިއްޔެގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅާއި ގުޅިގެން ޑޮކްޓަރުން ދީފައިވާ ލަފާ އެމަނިކުފާނުގެ އާއިލާއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އިމްރާން ރައީސް ޔާމީންއާ ބައްދަލުކުރައްވައި އެމަނިކުފާނުގެ ސިއްހީ ލަފަޔާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވާއިރު، ޓެސްޓުތަކެއް ހެދުމަށް މިދިޔަ ހަފްތާ ބުދަ ދުވަހު އެމަނިކުފާނު މާލެ ގެނެސް، ތިން ދުވަސް ވަންދެން އެޑްމިޓްކޮށްފައި ބޭއްވިއެވެ. އެމަނިކުފާނު އެޑްމިޓް ކުރެއްވީ ހިތުގެ ޓެސްޓުތަކެއް ހެދުމަށެވެ.

ދާދިފަހުން ހައިކޯޓުގައި ބޭއްވި އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަށް އެދިލައްވާފައެވެ. އެމަނިކުފާނު ޖަލުގައި އޮންނަން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުންނާއި ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރަމުން އަންނަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.