އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލަނީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ފޮޓޯ / ފޮރިން މިނިސްޓްރީ

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން އިއުލާންކޮށްފިއެވެ.

ދެހާސް ތޭވީހުން އިން 2025 އަށް ކުރިއަށްދާނެ ކައުންސިލް ދައުރުގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލާނެކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިއުލާންކުރެއްވީ މިހާރު ކުރިއަށްދާ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި، ކޮންޓެކްޓް ގްރޫޕް އޮން ކައުންސިލް މެމްބާޝިޕްގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ޝާހިދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވައި، މެމްބަރު ގައުމުގެ އަޑު އުފުލައިދޭނެކަމުގެ ޔަގީންކަން ގައުމުތަކަށް އަރުވާފައެވެ. 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ކައުންސިލްގެ ދެ ދައުރު ދިވެހިރާއްޖެއިން ފުރިހަމަކޮށްފައިވެއެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތް މުއްދަތުގައި މޫސުމީ ބަދަލުތަކާ އިންސާނީ ހައްގުތަކާ ބެހޭ ހުރި ގުޅުން ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކޮށް، ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މިމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އުފެދިގެން ދިޔައެވެ.

ރާއްޖޭގެ މެމްބާޝިޕް އިއުލާންކުރެއްވި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދު އާއި، މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާރޖް ޑރ އާސިމް އަހުމަދުގެ އިތުރުން ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ހިޔާލު ދެއްވާ!

Your email address will not be published.