މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް އަވަހާރަވެއްޖެއެވެ.
މިސްރުގެ މީޑިއާތަކުން ބުނީ ހުސްނީ މުބާރަކް އަވަހާރަވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 91 އަހަރެވެ.
ހުސްނީ މުބާރަކް މިސްރުގެ ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ 1981 ވަނަ އަހަރުއެވެ. ހުސްނީ މުބާރަކްގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2011 ވަނަ އަހަރު އެގައުމުގައި އޭނާއާ ދެކޮޅަށް ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން އަމިއްލަ އަށް އިސްތިއުފާ ދެއްވުމުންނެވެ.
ވެރިކަން ބަދަލުވިފަހުން ހުސްނީ މުބާރަކްގެ މައްޗަށް ވަނީ މުޒާހަރާ ކުރި މީހުންގެ ތެރެއިން 239 މީހުން މެރިކަމުގެ ކުށާއި ހިޔާނާތުގެ ކުށުގެ ދައުވާތަކެއް އުފުލާފައެވެ. އެ ދައުވާތައް ސާބިތުވުމުން ޖަލުގައި ވެސް ދުވަސްތަކެއް މުބާރަކް ހޭދަކުރެއްވިއެވެ. ނަމަވެސް އެ ހުކުމްތައް އިސްތިއުނާފް ކުރުމުން ފަހުން އޭނާ ވަނީ މިނިވަން ވެފައެވެ.
ހުސްނީ މުބާރަކް އަވަހާރަވިއިރު މިދިޔަ އަހަރުގެ ތެރޭގައި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ ވެސް ވަނީ އަވާހަރަވެފައެވެ.