ރާއްޖެ އަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އެތެރެ ކޮށްފައި ވަނީ އޮމާނާއި ޔޫއޭއީ އިން ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި ދެގައުމުން އިމްޕޯޓު ކޮށްފައި ވަނީ ރާއްޖެ އަށް އިމްޕޯޓު ކޮށްފައިވާ މުދަލުގެ 16 ޕަސެންޓު މުދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މާޗު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރުގެ މާޗު މަހު ރާއްޖެ އަށް އިމްޕޯޓުކޮށްފައިވަނީ 3.4 ބިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ ހަތަރު ބިލިއަނަށް އަރާފައެވެ. މިއީ 15 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރުވެސް އިތުރުވެފައިވާ އިރު މިދިޔަ އަހަރުގެ މާޗު މަހު އެކްސްޕޯޓުކޮށްފައިވަނީ 337 މިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރު އެ އަދަދު އުޅެނީ 432 މިލިއަން ރުފިޔާގަ އެވެ. މިއީ 28 ޕަސެންޓުގެ ކުރިއެރުމެކެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ އެކްސްޕޯޓު ކުރި މުދަލުގެ 49 ޕަސެންޓު ކަމަށް ކަސްޓަމްސް އިން ބުންޏެވެ. ދެވަނަ އަށް އެންމެ ގިނައިން ކޮށްފައި ވަނީ އިނގިރޭސިވިލާތަށެވެ. އެއީ އެކްސްޕޯޓު ކުރި މުދަލުގެ 11 ޕަސެންޓެވެ.