މާލެ ފަޅުތެރެއިން ނަގާފައިވާ އުޅަނދުތައް ހަވާލުނުވަންޏާ ނައްތާލަނީ

މާލެ ޖެޓީ ފާލަމުގައި ހުރި މަސްވެރިންގެ ބޯޓުތަކެއް/ ފޮޓޯ- މާލެ ސިޓީ ކައުންސިލް

މާލޭމަސްމާރުކޭޓް ކުރިމަތީ ފަޅުތެރޭގައި ދަތުރުނުކޮށް ގަވާއިދާ ހިލާފަށް އަޅާފައިހުރި ކަނޑު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް ގަވާއިދުގައިވާ ގޮތުގެ މަތިން ނައްތާލާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެސިޓި ކަައުންސިލުން ބުނީ ޤަވާޢިދާ ޚިލާފަށް އަޅާފައިހުރި އުޅަނދުތައް ނެގުމަށް ހުށަހެޅި މުއްދަތު ހަމަވިއިރު ނުނަގާ ބަލަހައްޓާނެ ޒިންމާދާރު ފަރާތެއްނެތި ފަޅުތެރެއަށް ދޫކޮށްލާފައި ހުރުމުގެ ސަބަބުން އެސަރަހައްދުން ނެގިފައިވާ އުޅަނދު ފަހަރުގެ ތެރެއިން މިހާތަނަށް ވެރިފަރާތުން ހަވާލުނުވެ އެކައުންސިލްގެ ބެލުމުގެ ދަށުގައި އުޅަނދުތައް ހުރި ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ޓޯކުރި އުޅަނދުގެ ތެރެއިން މިހާތަނަށް ވެރިފަރާތުން ހަވާލުނުވާ 3 އުޅަނދެއް އެބައޮތްކަމަށެވެ. އަދި މި އުޅަނދުތަކާއި ހަވާލުވުމަށް ސިޓީކައުންސިލުން ވަނީ އަންނަ މަހުގެ 10ވަނަ ދުވަހާއި ހަމައަށް މުހުލަތެއް ދީފައެވެ.

އަދި އެ މުއްދަތުގައި އުޅަނދުފަހަރުގެ ފަރާތުން އުޅަނދާއި ޙަވާލުނުވާނަމަ، ބޭނުން ނެތިގެން ދޫކޮށްލާފައި ހުރި އުޅަނދު ފަހަރުކަމަށް ބަލާ މާލެއާއި ވިލިނގިލީގެ ފަޅުބެލެހެއްޓުމުގެ ޤަވާޢިދުގެ ދަށުން އުޅަނދުފަހަރު ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެކަމަށް މާލެސިޓީ ކަައުންސިލުން ބުނެއެވެ. މި ގަވާއިދުގެ ދަށުން ގަވާއިދާ ހިލާފަށް ފަޅުތެރޭގައި އެޅުމަށްފަހު އަޅާނުލާ ދޫކޮށްލާފައިވާ އުޅަނދުތައް ސިޓީ ކައުންސިލުން ނަގަން ފަށާފައިވަނީ މިދިޔަމަހުއެވެ.

މާލެ ފަޅުތެރޭގައި ބޭނުން ނުކޮށް ގިނަ ދުވަސްވަންދެއް އަޅާފައިވާ ހުންނަ ކަނޑު އުޅަނދުތައް ނެގުމުގެ މަސައްކަތަކީ މާލޭގެ ފަޅުތެރެ ސާފުކޮށް، މާލޭގެ ބަނދަރަކީ ޤަވާއިދުގެ ތެރެއިން ބޭނުންކުރާ ތަނަކަށް ހެދުމަށް ސިޓީ ކައުންސިލުންކުރާ މަސައްކަތުގެ ދަށުން ފެށި މަސައްކަތަކެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެށި މިމަސައްކަތުގެ ތެރެއިން ސިޓީ ކައުންސިލުން ވަނީ މިގޮތަށް ފަޅުތެރޭގައި އަޅާފައިވާ 27 އުޅަނދެއް ނަގާ ތިލަފުށީގައި ޓޯ-ކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން މާލެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ނަގަން ފަށާފައިވަނީ، މާރުކޭޓް ސަރަޙައްދަށް މަސް ހިފައިންގެން އަންނަ އުޅަނދުތަކަށް، އެސަރަޙައްދުގެ ބަނދަރުގެ ތޮއްޖެހުން ބޮޑުކަމުން ބަނދަރު ނުކުރެވޭ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ. އަދި އަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތައް ގިނަދުވަސްވަންދެން ބޭނުންނުކޮށް އަޅާފައި ހުރުމާއި، މިފަދަ ދޯނިތަކުގައި ޤަވައިދާއި ޚިލާފު ކަންކަން ކުރާކަންވެސް ފާހަގަވެފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެެވެ.

ހިޔާލު ދެއްވާ!

Your email address will not be published.