މީހުން ޓެރެފިކް ކުރުން ހުއްޓުވުމުގެ އެކްޝަން ޕްލޭން ކެބިނެޓުން ފާސްކޮށްފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓު: ފޮޓޯ / ރައީސް އޮފީސް

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭގޮތުން ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިން ސްޓިއަރިން ކޮމިޓީން އެކުލަވާލި ނެޝަނަލް އެކްޝަން ޕްލޭން ކެބިނެޓުން މިއަދު ފާސްކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ޑިފެންސުން ރިޔާސަތު ބަލަހައްޓަމުންދާ ސްޓިއަރިން ކޮމިޓީން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދުވެލި އަވަސްކުރުމެވެ.

އެގޮތުން، އެ އެކްޝަން ޕްލޭން ހިނގާނެ މުއްދަތުކަމަށްވާ 30 މާރޗް 2020 އިން ފެށިގެން 31 ޑިސެމްބަރ 2022 އާ ދޭތެރޭގައި، މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ގައުމީ ފެންވަރެއްގައި ރާއްޖެއިން އެޅުމަށް ކަނޑައަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ޓްރެފިކްކުރުމުގެ މައްސަލަ ރާއްޖޭގައި އޮތް މިންވަރު ބެލުމަށްޓަކައި ބޭސްލައިން ސްޓަޑީއެއް ހެދުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނުގައި މީހުން ޓްރެފިކްކުރުން މާނަ ކުރާ ގޮތް އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްގެ ޑެފިނިޝަނާ އެއްގޮތްކޮށް، ސްޓިއަރިން ކޮމިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެގާނޫނަށް އިސްލާޙު ގެނައުމާއި، ސްޓިއަރިން ކޮމިޓީ ހިންގުމަށްޓަކައި ޓިޕް އޮފީހެއް ގާއިމްކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށަށް ތުހުމަތުކުރެވޭ ފަރާތްތަކާއި އެކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭ ގުޅޭނެ ހާއްސަ ހޮޓްލައިނެއް އަލުން ގާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން، ޓްރެފިކިންގެ ހުރިހާ ބާވަތެއް މޮނިޓާ ކުރުން އިތުރުކުރުމާއި، ތަހުގީގުތަކާއި، ޕްރޮސެކިއުޝަންތަކާއި، ކޮންވިކްޝަންތަކުގެ އަދަދު އިތުރުކުރުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އިޖްތިމާއީ ހިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށް، ޓްރެފިކިންއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތު ބައްދަލުވުންތައް ހިންގުމާއި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 30 ވަނަ ދުވަހު އ.ދ.އިން ފާހަގަކުރާ ވޯލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕާސަންސް (އެންޓި-ޓިޕް ޑޭ)، ސްޓިއަރިން ކޮމިޓީން އިސްނަގައިގެން ރާއްޖޭގައި ފާހަގަކުރަން ފެށުމަށް ނެޝަނަލް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *