ސިއްރު ހެއްކާއި ގުޅޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ސިއްރު ހެއްކާއި ގުޅިގެން ހައިކޯޓުން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ. މި މައްސަލަ ބަލައިގެންފައި ވަނީ އިއްޔެއެވެ.

ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަކަށް ހެކި ބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތް ކަމަށެވެ. މިއީ މީގެ ކުރިން ސިއްރުން ހެކި ބަސް ނެގުމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ވަރަށް ގިނަ ވަކީލުން ފާހަގަ ކުރައްވާފައިވާ ނުކުތާއެކެވެ.

ހައިކޯޓު ހުކުމްގައި ބުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ސިއްރުން ހެކި ބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ބުނާއިރު އެ ގޮތްތައް އެ ގާނޫނުގައި ނެތުމަކީ އެ އިޖުރާއަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ބެލެވެން ނެތް ހާލަތެއް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގައި ބުނަނީ ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

ހައިކޯޓުގެ އެ ނިންމުން ރަނގަޅު ކަމަށް ނުފެންނާތީ ޕީޖީ ހުސައިން ޝަމީމް ނިންމެވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ. އެގޮތުން ޕީޖީ ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާތު ގާނޫނުގެ 149 ވަނަ މާއްދާގެ (ހ) އާއިއެކު، ގާނޫނުގެ 119، 131 އާއި 134 ހިމަނައި، މުޅި ގާނޫނު އެކުގައި ކިޔާއިރު ހައިކޯޓުގެ ހުކުމުން ކަނޑައެޅި ސިއްރު ހެކިބަހުގެ އުސޫލު ރަނގަޅުކަމަށް ނުފެންނާތީ ހުކުމުގެ އެބައި ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.