މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ސަޕޯޓަރެއްގެ ފޯނު ހަލާކު ކޮށްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އޭނާ މައާފަށް އެދިއްޖެއެވެ.
ރޭ 1-0 ގެ ނަތީޖާ އިން އެވަޓަން އަތުން ބަލިވި މެޗަށްފަހު ދަނޑުން ފައިބައިގެން ދަނިކޮށް ރޮނާލްޑޯ ހަލާކު ކޮށްލާފައި ވަނީ އެވަޓަން ސަޕޯޓަރެއްގެ ފޯނެވެ. ކޮރު ޖަހަމުން ދަނޑުން ފައިބަމުން ދިޔަ ރޮނާލްޑޯ އެ ފޯނު ހަލާކު ކޮށްލީ ރުޅި އައިސްގެން އަތުން ފޯނުގައި ޖަހައެވެ.
އޭގެ ފަހުން 37 އަހަރުގެ ރޮނާލްޑޯ ވަނީ ސޯޝަލް މީޑިއާގައި މައާފަށް އެދޭ ކަމަށް ބުނެ ވާހަކަ ދައްކާފައެވެ.
“އަހަންނަށް ކުރިމަތިވާ ފަދަ އުނދަގޫ ވަގުތުތަކާއި އިހުސާސްތަކާއި ކުރިމަތިލާން ޖެހުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން،” އޭނާ ބުންޏެވެ.
މި މެޗުން ބަލިވުމުން ޔުނައިޓެޑަށް ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިދާނެ ކަމުގެ ބިރު ވަނީ ކުރިމަތިވެފައެވެ. އެވަޓަން އަކީ ރެލިގޭޝަން ޒޯނަށްވުރެ އެއް ޕޮއިންޓް އިތުރަށް އޮތް ޓީމެކެވެ.
“އެހެން ނަމަވެސް އަބަދުވެސް އަހަރެމެން ނަކީ އިހުތިރާމް ކުރާ، ކެތްތެރި ވާން ޖެހޭ އަދި ރީތި ކުޅިވަރަށް ލޯބިކުރާ ހުރިހާ ޒުވާނުންނަށް ނަމޫނާ ދައްކަން ޖެހޭ ބައެއް،” ޕޯޗުގަލްގެ ތަރި ބުންޏެވެ.