އައިލެންޑް އޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ޝަހީމް ގޮވާލައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ- އައިޔޫއެމް

މިސްކިތު ފަންޑުން ހަދާފައިވާ ދާރުލް އީމާން ބިލްޑިންގްއަށް އައިލެންޑް އޭވިއޭޝަނުން ދައްކަންޖެހޭ ފައިސާ ވަގުތުން ދެއްކުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ޝަހީމް ސައީދު ގޮވާލައިފިއެވެ.
ޑރ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެ ހައްގަށް އަރައިގެން ތިބުމަކީ ހެޔޮވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަނުން ދާރުލް އީމާން ބިލްޑިންގްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެދި ގޮވާލާފައެވެ.

ޑރ ޝަހީމް މިހެން ގޮވާލާފައިވައިރު، މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، އައިލެންޑް އޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީއަށް ދައްކަންޖެހޭ 6 މިލިއަން ރުފިޔާ ވެވުނު އެއްބަސްވުމެއްގެ ދަށުން ބަރާބަރަށް ދައްކަމުން އަންނަ ކަމަށާއި, ބާކީ ނުދައްކައި އޮތީ މި ފެބްރުއަރީ މަހު ދައްކަންޖެހޭ 1 މިލިއަން ރުފިޔާ އެކަނި ކަމަށެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، ދާރުލް އީމާން އިމާރާތުގެ 6 ފަންގިފިލާ ފަސް އަހަރު ދުވަހަށް އައިލެންޑް އޭވިއޭޝަނަށް ކުއްޔަށް ދިނުމަށް 16 ނޮވެމްބަރު 2016 ވަނަ ދުވަހު އެ މިނިސްޓްރީއާއި އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ކުލީގެ ގޮތުގައި ޖުމްލަ 8 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

ދެހާސް ސޯޅަވަނަ އަހަރު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން ތިން ދުވަސްތެރޭ މިނިސްޓްރީގެ މިސްކިތު ފަންޑަށް 6 މިލިއަން ޖަމާ ކުރަންވާނެކަމަށާއި، ބާކީ 2 މިލިއަން ރުފިޔާ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި އެ ފަންޑަށް ޖަމާކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އައިލެންޑް އޭވިއޭޝަނުން މިގޮތަށް ކަންތައް ކޮށްފައި ނުވާއިރު، ނިމިދިޔަ ރައީސް ޔާމީންގެ ދައުރުގައި އިސްލާމިކް މިނިސްޓަރު ޑރ.ޒިޔާދު ބާގިރުގެ ބެލުމުގެ ދަށުގައި މިނިސްޓްރީ ހުރި އިރު، އައިލެންޑް އޭވިއޭޝަނުން ވެވުނު އެއްބަސްވުމާއި އެއްގޮތަށް 31 ޑިސެމްބަރު 2018 ވީއިރުވެސް ފައިސާ ދައްކާފައިނުވެއެވެ.

ދެހާސް ނަވާރަވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އައިލެންޑް އޭވިއޭޝަނުން އިސްލާމިކް މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދެ ފަރާތުން މަޝްވަރާކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ހަ މަސްދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 1 މިލިއަން ރުފިޔާ މިނިސްޓްރީއަށް ދެއްކުމަށެވެ އެއްބަސްވެފައިވެއެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ހާމަކުރި މައުލޫމާތާއި އެކީ އާމެނޭޖްމަންޓާއި މިނިސްޓްރީއާއި ވެވުނު އެއްބަސްވުމުގެ ދަށުން، ބާކީ ނުދައްކައި އޮތީ މި ހިނގާ ފެބްރުއަރީ މަހުގެ އެއް މިލިއަން ރުފިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *