ޔުޓިލިޓީ އޮތޯރިޓީ ބިލަށް އެމްޑީޕީ މެންބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް

ޔުޓިލިޓީ އޮތޯރިޓީ ބިލަށް ފާޑު ވިދާލުވި މެންބަރުންނާއި، ބިލަށް ފާޑު ވިދާޅުވި މެންބަރުންނަށް ރައްދު ދެއްވި ބައެއް އެމްޑީޕީ މެންބަރުން --

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޔުޓިލިޓީ އޮތޯރިޓީ ބިލަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން، ރާއްޖޭގައި ދެމުންދާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް ރެގިއުލޭޓް ކުރާނީ އެ އޮތޯރިޓީންނެވެ. ބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެމްޑީޕީ މެންބަރުން ވިދާޅުވީ އެ ބިލަކީ އެޕާޓީގެ މެނިފެސްޓޯ ނުވަތަ ސިޔާސަތުތަކާއި ހިލާފު ބިލެއް ކަމަށެވެ. އަދި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ ލާމަރުކަޒީ ގޮތުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ސިޔާސަތާއިވެސް މުޅިން ފުށު އަރާ ބިލެއް ކަމަށް ވެސް އެމްޑީޕީ މެންބަރުން ވިދާޅުވިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ ޔުޓިލިޓީ އޮތޯރިޓީގެ ބިލު ފަރުމާކޮށްފައި އޮތީ އެޖެންޑާ 19 އަށް ފެތޭ ގޮތަކަށް ނޫން ކަމަށެވެ. ސަރުކާރުން ބިލު ފޮނުވާއިރު އެމްޑީޕީގެ އެޖެންޑާ 19 ގެ ސިޔާސަތުތަކަށް ފެތޭ ގޮތަށް ފޮނުވުމަށް އޭނާ ވަނީ ގޮވާލާފައެވެ. ބޮންޑޭ ވާހަކަދައްކަވަމުން ގެންދަވަނިކޮށް އެމްޑީޕީގެ މެންބަރެއް ކަމަށްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއް ގަފޫރު މޫސާ (ގަޕޯ) ވަނީ ނިޒާމީ ނުކުތާ ނަންގާ ބޮންޑޭ އަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބޮންޑޭ ވާހަކަދައްކަވަމުން ގެންދަވަނީ ބިލުގައި އޮތް އެއްޗެހި އޮޅުވާލައިގެން ކަމަށެވެ. މީގެއިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވެސް ވަނީ ބޮންޑޭ ވާހަކަދައްކަވަމުން ގެންދަވަނީ ބިލުގައި އޮތް ހުރިހާ މާއްދާތަކެއް އޮޅުވާލައިގެން ކަމަށް ވިދާޅުވެފައެވެ.

އެ ނިޒާމީ ނުކުތާތަކަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ޖަވާބު ދެއްވާފައެވެ. އެކަމަނާ ވިދާޅުވީ ބިލަކަށް ބަހުސް ކުރައްވާއިރު އޮޅުވާލައިގެން ވާހަކަދެއްކެވުމާއި ބިލުގައި އޮންނަ ގޮތަށް ވާހަކަދެއްކެވުމަކީ މެންބަރުންގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ. އަދި ގަޕޯއާ އަނދުން ހުސައިންގެ ނިޒާމީ ނުކުތާ އަކީ ނިޒާމީ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރައްވަމުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުމަށް ބިލެއް އެކުލަވާލަން ޖެހޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ހިދުމަތްތައް ރެގިއުލޭޓު ކުރާ ކަމަށްވާނަމަ ލާމަރުކަޒީ ގާނޫނު އިތުރަށް އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރިޒާގެ ވާހަކަތަކާއި ގުޅިގެންވެސް އަނދުން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އަދި ވިދާޅުވީ ރިޒާ ވާހަކަ ދައްކަވާއިރު ބިލުގައިވާ ކަންކަން ފާހަގަ ކުރައްވައި ވާހަކަ ދެއްކެވުމަށާއި ބިލުގެ މަގްސަދުތައް ވެސް ވިދާޅުވާން އެދިވަޑައިގަންނަވާ ކަމަށެވެ.

""އެއްވެސް ޒިންމާދާރު ކަމެއް ނެތި މެންބަރަކު ދައްކާ ވާހަކަ އަޑުއެހުމެއް ނެތި އެހެން ވާހަކަ ދައްކަންޏާ ރައްޔިތުން އެ މެންބަރުންގެ މަސްއޫލިއްޔަތު އަދާ ކުރުމާ ގުޅޭ ގޮތުން ސުވާލު އުފައްދާނެ،" އަނދުން ހުސައިންގެ ނިޒާމީ ނުކުތާއަށް ޖަވާބު ދެއްވާ ރިޒާ ވިދާޅުވިއެވެ.

މިއަދުގެ މިބިލަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމްވެސް ވާހަކަދެއްކެވީ ކޯފާ އިސް ކުރައްވައެވެ. ވިދާޅުވީ ކަންކަން ނުކުރެވޭ ކަމަށްވާނަމަ ކޮންމެ އެވާހަކަ ދައްކާނެ ކަމަށެވެ. އަދި މިއަދުގެ ޖަލްސާގައި އޭނާ ވަނީ ފިޝަރީޒް މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ. އަދި ސަރުކާރު ކޯލިޝަނެއްގައި އޮތުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.