ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް "އަތޮޅު މޮޑިއުލްގެ" ނަމުގައި ވިއުގައެއް ތައާރަފުކޮށްފި

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)/ ފޮޓޯ- މޯލްޑިވްސް އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން "އަތޮޅު މޮޑިއުލް"ގެ ނަމުގައި ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ހާއްސަ މޮޑިއުލްއެއް ތައާރަފްކޮށްފިއެވެ.

މި މޮޑިއުލް އިމިގްރޭޝަނުން ތައާރަފްކޮށްފައި ވަނީ ފަސޭހަކަމާއެކު ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމަށް ފަރުމާކޮށްފައިވާ ވިއުގައުކުންނެެވެ. އިމިގްރޭޝަނުން ބުނީ މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭމުންދާ ބިދޭސީން އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރާއިރު އެމީހުންގެ ހަރަކާތްތައް ދެނެގަނެވޭނެ ކަމަށެވެ. އަދި ރަށްވެހި ބިދޭސީންގެ އާބާދީ ނުވަތަ ކޮންމެ ރަށެއްގައި ވެސް ދިރިއުޅެމުންދާ ބިދޭސީންގެ އާބާދީ ފަސޭހަކަމާއެކު ދެނެގަނެވޭނެ ކަމަށް އިމްގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ހުރުމުގެ ހުއްދައާއި އެއްގޮތަށް އަދި ހުއްދައާ ހިލާފަށް އުޅޭ ބިދޭސީންވެސް އެ ޕޯޓަލް މެދުވެރިކޮށް ދެނެގަނެވޭނެ ކަމަށެވެ. ކޮންމެ ރަށެއްގައިވެސް އިމިގްރޭޝަންގެ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ރަތް ކުލައިން އެ ޕޯޓަލްއިން ފާހަގަވާނެ ކަމަށާއި، އަދި އިމްގްރޭޝަނުގެ ގަވާއިދާއި އެއްގޮތަށް އުޅޭ ބިދޭސީން ފެހިކުލައިން އެ ޕޯޓަލްގައި ފާހަގަކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިއީ އިމްގްރޭޝަން ނިޒާމާއި ގުޅިފައިވާ ވިއުގައެކެވެ. މިއަހަރުގެ ޖޫންމަހުން ފެށިގެން ބަޔޯމެޓްރިކްސް ބޭނުންކުރަން ފަށާނެކަމަށްވެސް އިމިްގރޭޝަނުން ބުންޏެވެ. އެގޮތުން ހަމައެކަނި އިނގިލީގެ ނިޝާން ބޭނުންކޮށްގެން ބިދޭސީ މީހާގެ ޝަހުސު ދެނެގަނެވޭނެ ކަމަށާއި އަދި މޫނުގެ ސިފަ ބޭނުންކޮށްގެންވެސް ބިދޭސީ މީހަގެ ޝަހުސު ދަނެވޭނެކަމަށް އިމްގްރޭޝަނުން ބުނެއެވެ.

މިހާރުވެސް ރާއްޖެއަށް އެތައް ބަޔަކު އަންނަނީ ޝަހުސު އޮޅުވާލައިގެން އެތެރެވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.