ފިޝަރީޒް މިނިސްޓަރު ޒަހާގެ އިސްތިއުފާއަށް މަޖިލިސް ތެރޭގައި ގޮވައިފި

ކަނޑިތީމު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޝަހީމް: ފޮޓޯ / މަޖިލިސް

މަސްވެރިންނަށް ކޮށްދެންޖެހޭ އެއްވެސް ކަމެއް ފިޝަރީޒް މިނިސްޓްރީއަށް ކޮށް ނުދެވޭ ކަމަށާއި އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އެކަމަނާ މި ހިނދުން މި ހިނދަށް އިސްތިއުފާ ދިނުން ކަމަށް ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީ ބިލަށް ބަހުސް ކުރައްވަމުން ޝަހީމް ވިދާޅުވީ މަސްވެރިންގެ ބިލު މަޖިލީހުން ފާސްކުރުމުން އެ ގާނޫނާއި ގުޅިގެން ހަދަންޖެހޭ ހުރިހާ އުސޫލުތަކެއް ހެދުމަކީ ފިޝަރީޒް މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. މަސްވެރިންގެ ހައްގުގައި ކުރަންޖެހޭ ކަންކަން މިނިސްޓަރު ކުރައްވަން ޖެހޭނެކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ ފިޝަރީޒު މިނިސްޓަރު މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށް ގޮވާލާ ކަމަށެވެ. މަސްވެރިންގެ ހައްގުތައް އެކަމަނާއަށް އަދާ ނުކުރެވޭ ކަމަށް ޝަހީމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

"މިއަދު ހަގީގަތަކީ ފިޝަރީޒް މިނިސްޓްރީ ފެއިލްވެއްޖެ. ފެއިލްވެއްޖެ. އަޅުގަނޑު ގޮވާލަން މިނިސްޓަރ އިސްތިއުފާ ދެއްވާ. ދެއްވާފައި އެމިނިސްޓްރީ ހިންގޭ ވަރުގެ މީހުން އެތަނަށް ލައިގެން ދިވެހި މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށްދެއްވާ. އެއީ މިގައުމު މާދަމާވެސް ކުރިޔަށް ގެންދަން ތިބި މީހުންނަކީ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ މިއަދުގެ ޖަލްސާގައި ރައްޔިތުންނަށް ކަންކަން ކޮށްދޭން ޖެހޭ ގޮތަށް ކޮށް ނުދެވެނީ ކޯލިޝަންގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ސަރުކާރު ކޯލިޝަނެއްގައި އޮވެގެން ލިބޭ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އަދި ކޯލިޝަންގެ ޕާޓްނަރުންނަށް ތަންތަނުގެ ބޯޑުން ޖާގަ ދިނުމުން ރައްޔިތުންނަށް ކުރަމުން ދަނީ އިތުރަށް ޖެއްސުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ އެމްޑީޕީން ބޭނުންވާ ގޮތް ނޫން ކަމަށްވެސް ޝަހީމް ދިޔައީ ވިދާޅުވަމުންނެވެ.

"މިއަދުގެ ސަރުކާރުން ފެންނަނީ އެމަންޒަރު. ކޮންކަމެއްތޯ ރަނގަޅުވަނީ ކޯލިޝަން ހަދައިގެން ތިބީމާ. ރައްޔިތުންނަށް ޖެއްސުން ކުރަނީ. ސަރުކާރަކަށްވެސް ނޫން. ދެން އަންނަ ދައުރެއްގައި އެމްޑީޕީއަށް ވެރިކަމަށް ނާދެވޭނެ ހުރިހާ މަގެއް ހޯދައިގެން ރައްޔިތުން ރުޅިއެރުވުން ނޫންކަމެއް މިނިސްޓްރީތަކުގައި ތިބެގެން އެކަން ކުރަނީ،" ޝަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ތެރޭގައި ގޯސްކޮށް ކަމެއް ކުރާތަން ފެންނަ ކަމަށްވާ ނަމަ އެކަމުގެ ވާހަކަތައް ދައްކާނެ ކަމަށެވެ.

"މިތަނަށް އައިސްސަ ސަރުކާރަށް ސަނާކިޔާފައި ރީތި ވާހަކަ ދެއްކިދާނެ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްވާން އެބަޖެހޭ. ހިމާޔަތް ނުކުރެވޭ ކަމަށްވަންޏާ މިތަނަށް އައިއްސަ އެވާހަކަ އެބަ ދައްކަންޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *