މިނިވަން 50ގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިންގަން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު-

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އެއްވެސް ހަރަކާތެއްގައި ކޮރަޕްޝަނާއި ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިނިވަން 50ގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީން އަންނަނީ ބަލަމުންނެވެ. އުމަރު ވިދާޅުވީ މިނިވަން 50 ގެ ނަމުގައި ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަން ހިމެނޭނަމަ އެ ހަރަކާތް ބޭއްވިތާ ފަސް އަހަރު ވާން އަންނައިރު އޮންނާނީ ކޮންމެވެސް އެއްޗެއް ފެނި، ދައުވާކޮށް ހުކުމްކޮށްފައި ކަމަށެވެ. އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންވެސް އެމަނިކުފާނުގެ ގައިގައި ހިފޭނެ ވަރުގެ ކަމެއް އޮތްތޯ ބެލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމެއް ނުކުރެވުނު ކަމަށާއި ފެނިގެން ދިޔައީ "ހުދު" ވަލެއް ކަމަށް އުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރަށްވެސް ފެންނާނީ ހަމަ "ހުދު" ވަލެއް ކަމަށެވެ.

އޭސީސީން އިއްޔެ ބުނީ މިނިވަން 50 އާ ގުޅޭ ގޮތުން ހުށަހެޅި ގިނަ މައްސަލަތަކުގެ ތެރެއިން 48 މައްސަލައެއްގެ ތަހުގީގު ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ވެސް 39 މައްސަލައެއްގެ ތަހުގީގު ކުރިއަށް ދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

މިނިވަން 50، ގެ ގިނަ މައްސަލަތަކެއް އޭސީސީން ބަލަމުން އަންނަ އިރު އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައިވާ ގޮތުން މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަން ރުފިޔާ ހަރަދުކުރީ ގަވާއިދާ ހިލާފަށެވެ. މިނިވަން 50 ގެ ހަރަކާތްތަކާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ބީލަމަށް ނުލައި ފިނޭންސްގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެ ހުއްދަ އާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *