ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް ހޯއްދަވައިފި

ރައީސް އޮފީހުގައި މިއަދު ކޮވިޑް -19 އާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ ބޭފުޅުންނާއި ބައެއް ވަޒީރުން އަދި ކަމަބެހޭ އިދާރާތަކުގެ ވެރިންނާއި ރައީސް ސޯލިހު ބައްދަލުކުރައްވަނީ: ފޮޓޯ / ރައީސް އޮފީސް

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޯއްދަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ރައީސް ވަނީ ކޮވިޑް-19 އާ ގުޅިގެން އެކުލަވާލާފައިވާ ޓާސްކް ފޯހުގެ އިތުރުން ކަމާ ގުޅުންހުރި ބައެއް އެހެން އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އަދި އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަމާއި ބެހޭގޮތުން އިދާރާތަކަށް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރާއި، މިކަމުގައި އެހެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއި، މި ވައިރަހުގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، މި ވައިރަހުގެ އަސަރު ރާއްޖެއިން ފެނިދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ވަޒީރުންނާއި ކަމާއިބެހޭ އިދާރާތަކުގެ އިސްވެރިންނާއި މަޝްވަރާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ވައިރަސްއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި ކުރިޔަށް ގެންދިއުމާއި މޮނިޓާކުރުމުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގަންނަވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާއިބެހޭ އިދާރާތަކުގެ އިސްވެރީންނަށް އިރުޝާދު ދެއްވާފައެވެ.

އިއްޔެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނެއްގައި ބުނީ ގިނަ މީހުން ބައިވެރިވެގެން ބާއްވާ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ހަތް ގައުމަކަށް ދިވެހިން ދަތުރު ކުރުމުގައި ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.