އެމެރިކާ ރައީސްގެ "ޑޫމްސްޑޭ ޕްލޭން" ވީއައިއޭގައި

އެމެރިކާ ރައީސްގެ "ޑޫމްސްޑޭ ޕްލޭން" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި --- ފޮޓޯ/ މޯލްޑިވިއަން ޕްލޭންސްޕޮޓާސް

ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށް ސިފަ ކުރާ އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު އަވަށްޓެރި އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބެކްއަޕެއްގެ ގޮތުގައި ގުޅޭ "ޑޫމްސްޑޭ ޕްލޭން" ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޕާކުކޮށްފިއެވެ.

"ޑޫމްސްޑޭ ޕްލޭން" ވީއައިއޭގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕު އިންޑިއާއަށް ވަޑައިގެންނެވި ފަހުންނެވެ. ޓްރަމްޕް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ދެ ދުަހުގެ ދަތުރުފުޅެކެވެ. މި ބޯޓަކީ އެމެރިކާގެ އެވަގުތަކު ހުންނަވާ ރައީސަކު ދުނިޔޭގެ ކޮންމެ ގައުމަކަށް ދަތުރު ކުރެއްވިއަސް އެ ދަތުރެއްގައި ބެކްއަޕެއްގެ ގޮތުގައި ގެންދާ ބޯޓެކެވެ.

މި ބޯޓަކީ 223 މިލިއަން ޑޮލަރުގެ އަގުހުރި ބޯޓެކެވެ. މިއީ ކުއްލި ހާލަތްތަކުގައި އެމެރިކާގެ ރައީސްގެ ކޮންޓްރޯލް ސެންޓަރެވެ.މި ބޯޓަކީ ގުދުރަތީ ބޮޑު ހާދިސާއެއް ނުވަތަ ނިއުކްލިއާ ހަނގުރާމައެއް ފެށުން ފަދަ ނުރައްކާތެރި ހާލަތެއްގައި ބޯޓުގައި ހުންނަވައިގެން އެމެރިކާގެ ރައީސަށް ގައުމު ހިންގޭނެ އިންތިޒާމު އެ ބޯޓުގައި ހަމަޖެހިފައި ހުރެއެވެ. މިއީ އެމެރިކާގެ އެއާ ފޯސްގެ ބެލުމުގެ ދަށުގައި އޮންނަ ބޯޓެކެވެ.

އެ ބޯޓު އުފައްދާފައިވަނީ ނިއުކްލިއާ ބޮމެއްގެ އަސަރަށް ނުގުޑާ ގޮތަށެވެ. އެ ބޯޓުގައި އެއާފޯސްގެ ކްރޫއިން ތިބޭނެ ސަރަހައްދަކާއި ކޮންފަރަންސް ރޫމަކާއި ބްރީފިންގް ރޫމެއްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކާ ކޮމިއުނިކޭޓުކޮށް ހެދުމަށް ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖިކަލް ކޮންޓްރޯލް ސެންޓަރެއް ހުރެއެވެ.

މިއީ މުޅި ދުނިޔޭގައިވެސް އޮޕަރޭޓް ކުރާ އެންމެ ހަރަދުބޮޑު އެއާކްރާފްޓެވެ. ވައިގެ މަތީގައި އުދުހެމުންދާއިރުވެސް ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ މި ބޯޓު އުދުއްސުމަށް ގަޑިއިރަކަށް 160،000 އެމެރިކާ ޑޮލަރު ހަރަދުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަތަރު އިންޖީނުލީ އެ އުޅަނދުގައި 112 މީހުންނަށް ތިބެވޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *