ޔާމީނަށް ކަފާލާތު ނުދިނުމަށް ހައިކޯޓުން ކުރި އަމުރު މުރާޖާ ކޮށްދޭން އެދުމުން ބަލައެއްނުގަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ / އަވަސް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެދުމުން އެކަން ކޮށްދެވެން ނެތް ކަމަށް ބުނެ ހައިކޯޓުން ނެރުނު އަމުރު މުރާޖާ ކޮށްދޭން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުން އެކޯޓުން ބަލައި ނުގަންނަން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސެއިން މަޒީދު ވިދާޅުވީ ކަފާލަތް ނުދިން އަމުރު ރިވިއު ކުރާނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށެވެ. އެހެންކަމުން އެކަން މުރާޖާ ކުރަން ހުށަހެޅި ހުށަހެޅުން ބަލައި ނުގަންނަން ވަނީ ނިންމާފައެވެ.

މިއަދުގެ ޝަރީއަތުގައި ދެން ކުރިޔަށް ދިޔައީ ރައީސްގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރަން ބޭނުންވި ސަބަބުތައް ހާމަ ކުރުމެވެ. އެގޮތުން ރައީސް ޔާމީންގެ ފަރާތުން ވަނީ 75 ނުކުތާއެއް އެކަމުގައި ފާހަގަކުރަން ބޭނުންވާ ކަމަށް ހާމަ ކުރައްވާފައެވެ.

އެގޮތުން އެ ނުކުތާތައް ޝަރީއަތުގެ މަޖިލީހަށް އިއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު ވިދާޅުވީ ކްރިިނަލް ކޯޓުގައި މައްސަލަ ހިނގިއިރު ހެކިބަސް ދެއްވި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ހެކިބަސް ދެއްވަމުން އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނާއި ރައީށް އޮފީހުގައި ބައްދަލުކުރެއްވި ކަމަށް މުއައްވިޒު ވިދާޅުވިއިރު އެކަން ސާބިތު ނުކޮށްދެވޭ ތަނުގައި އެމަނިކުފާނާއި މުއައްވިޒު ބައްދަލުކުރީ ތުހުމަތެއް ކުރެވިގެން ކަމަށް ވިދާޅުވެފައި ނުވާ ކަމަށް ޝިޔާޒު ވިދާޅުވިއެވެ.

ހަމައެއާއެކު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަކީ “ފާސިގުން” ކަމަށާއި “ފާސިގުން”ގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ޝިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ދެ ބޭފުޅުންނަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުވެސް އެންމެ ބޮޑަށް ކުރާ ދެ ބޭފުޅުން ކަމަށެވެ. އަދި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދިންއިރު ދައުލަތުގެ ފަރާތުން އެ ދެބޭފުޅުންނަށް އެތަކެއް ލުއިތަކެއް ދީފައިވާ ކަމަށް ޝިޔާޒު ވިދާޅުވިއެވެ.

މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވީ ދޮގު މައުލޫމާތު ދިންކަމުގެ ތުހުމަތުގައި ކަމަށާއި ތުހުމަތު ނުކުރާ ކަމެއްގެ މައްޗަށް ދައުވާ އުފުލާ ހުކުމް ނުކުރެވޭނެ ކަމަށް ޝިޔާޒް ވިދާޅުވިއެވެ. ތަހުގީގުގައި ސުވާލު ކުރެވުނުއިރު ވެސް ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފައި ނުވާ ކަމަށް ޝިޔާޒު ވިދާޅުވިއެވެ.

މިއަދުގެ ޝަރީއަތް ނިންމާލެއްވީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅަމުން ގެންދިޔަ 75 ނުކުތާގެ ތެރެއިން 10 ނުކުތާއެއް ޝަރީއަތަށް ހިއްސާ ކުރުމުންނެވެ. ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތަކުގެ ހުށަހެޅުމުގައި 101 ސަފުހާވެ އެވެ. މިއަދު ހުށަހެޅުނީ އޭގެ ތެރެއިން 25 ސަފުހާ އެވެ.

ފަނޑިޔާރުން ވަނީ ދެން އަންނަ އަޑުއެހުމަކަށް ވީހާ ވެސް ތަފްސީލްކޮށް ނުކުތާތައް ތަފްސީލް ކުރެއްވުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ. ޝިޔާޒު ވިދާޅުވީ ވީހާވެސް ބޮޑަށް ހުލާސާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ދެން އަންނަ އަޑުއެހުމެއްގައި ހުރިހާ ނުކުތާތަކެއް ތަފްސީލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް ޕީޕީއެމްގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންއިރު ޝަރީއަތް ނިމުމާއި އެކު ރައީސް ޔާމީން ވަނީ އެނބުރި މާފުއްޓަށް ގެންދަވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.