ރަޝިޔާ އިން ދިން ޙަމަލާގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ އާންމުން ޔޫކްރެއިން ދޫކޮށް ހިޖުރަކޮށްފައިވާކަމަށް އދން ބުނެއެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނަނީ ހަތަރު މިލިއަނާ ހަމައަށް މީހުން ވަކިވާން މަސައްކަތް ކޮށްފާނެ ކަމަށާއި ރެފިއުޖީންނަށް މަރުހަބާ ކިޔާނީ “ހުޅުވާލެވިފައިވާ އަތަކުން” ކަމަށެވެ.
ޔޫކްރެއިންގެ ރެފިއުޖީން ދަނީ ކޮން ގައުމަކަށް؟.
ރެފިއުޖީން ހުޅަނގު އައްސޭރި އަށް އަވަށްޓެރި ގައުމުތަކަށް ހުރަސްކުރަމުން އަންނައިރު، އޭގެ ތެރޭގައި ޕޮލެންޑް، ރޮމޭނިއާ، ސްލޮވާކިއާ، ހަންގޭރީ އަދި މޯލްޑޯވާ ފަދަ ގައުމުތައް ހިމެނެއެވެ. ކުދި އަދަދުތައް ރަޝިއާ އާއި ބެލަރޫސް އަށް ގޮސްފައިވެއެވެ.
އދ. ގެ ތަފާސް ހިސާބުތައް:
– ޕޮލެންޑު: 505,582 މީހުން އެތެރެވި
– ހަންގޭރީ: 139,686 މީހުން އެތެރެވި
– މޮލްޑޯވާ: 97,827 މީހުން އެތެރެވި
– ސްލޮވޭކިއާ: 72,200 މީހުން އެތެރެވި
– ރޫމޭނިއާ: 51,261 މީހުން އެތެރެވި
– ރަޝިޔާ: 47,800 މީހުން އެތެރެވި
– ބެލަރޫސް: 357 މީހުން އެތެރެވި
ގާތްގަނޑަކަށް 90،000 އެއްހާ މީހުން މި ގައުމުތަކުން ޔޫރަޕްގެ އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކުރިއެވެ.
ޔޫކްރެއިން ދޫކޮށް ރެފިއުޖީން ދަނީ ކިހިނެއް؟
ފިނި މޫސުމުގައި ގިނަ ބަޔަކު ވަނީ ޕޮލެންޑަށް ވަނުމަށް 60 ގަޑިއިރު ވަންދެން އިންތިޒާރުކޮށްފަ އެވެ. ރޫމޭނިއާއަށް އެތެރެވާ މީހުން 20 ގަޑިއިރު ވަންދެން އިންތިޒާރު ކޮށްފައި ވެއެވެ.
ޔޫކްރެއިން ދޫކޮށް ދާ މީހުންގެ އަތުގައި ރެފިއުޖީންނަށް އަންގައިދޭ ލިޔެކިޔުންތައް ބޭނުން ނުވާ ކަމަށާއި ނަމަވެސް އެންމެ އިސްކަމެއް ދޭން ޖެހޭނީ އެމީހުންގެ އެތެރޭގެ ނުވަތަ ބޭރުގެ ޕާސްޕޯޓާއި، އެމީހުންނާއެކު ދަތުރުކުރާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި، މެޑިކަލް ޑޮކިއުމެންޓޭޝަން ކަމަށް ހުޅަނގު ގައުމުތަކުން ބުނެފައިވެއެވެ.
ރެފިއުޖީންގެ ދަރަޖަ ހޯދުމަށް އެމީހުން ބޭނުން ވަނީ ޔޫކްރެއިންގެ ރައްޔިތަކަށް ނުވަތަ ބޭރު ގައުމުތަކުގެ ދަރިވަރުން ފަދަ ގާނޫނީ ގޮތުން ޔޫކްރެއިންގައި ދިރިއުޅޭ މީހުންނަށެވެ.
ގައުމުތަކުން ދެނީ ކޮން އެހީއެއް؟
ޕޮލެންޑާއި ޔޫކްރެއިންއާ ބޯޑަރު ސަރަހައްދުގައި އޮންނަ އެހެން ގައުމުތަކުގައި ރެފިއުޖީންނަށް ރިސެޕްޝަން ސެންޓަރުތަކުގައި ތިބެވޭނީ އެ ގައުމުތަކުގައި ތިބުމަށް ރަހުމަތްތެރިން ނުވަތަ ގާތްތިމާގެ މީހުން ނެތް ނަމައެވެ. އެމީހުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާ ލިބޭނެއެވެ.
ޕޮލެންޑުން ދަނީ ޒަޚަމްވެފައިވާ ޔޫކްރެއިންމީހުން ގެންދިޔުމަށް މެޑިކަލް ޓްރެއިންއެއްވެސް ތައްޔާރުކުރަމުންނެވެ. ހަންގޭރީ އާއި ރޫމޭނިއާ އިން ދަނީ ކާބޯތަކެއްޗާއި ފޭރާމަށް ފައިސާގެ އިނާޔަތް ދެމުންނެވެ. ލޯކަލް ސްކޫލްތަކުގައި ކުދިންނަށް ތަންތަން ދެމުން ގެންދެއެވެ.
ޗެކް ރިޕަބްލިކުން ރެފިއުޖީންނަށް ތިބުމަށް ޓަކައި ހާއްސަ ބާވަތެއްގެ ވިސާއަށް އެދުމުގެ ފުރުސަތު ދޭނެއެވެ.
ޕޮލެންޑާއި ސްލޮވާކިއާ އިން ވަނީ ރެފިއުޖީންނަށް އެހީވުމަށް އީޔޫގެ އެހީއަށް އެދިފަ އެވެ. ނަތީޖާއެއްގެ ގޮތުން ގްރީސް އާއި ޖަރުމަނުން ސްލޮވާކިއާއަށް ޓެންޓާއި ބްލޭންކެޓް އަދި މާސްކް ފޮނުވަމުންދާއިރު ފްރާންސުން ދަނީ ޕޮލެންޑަށް ބޭސް އަދި އެހެނިހެން ސިއްހީ އާލާތްތައް ފޮނުވަމުންނެވެ.
ހަނގުރާމައިން ފިލައިގެން ދާ ޔޫކްރެއިންގެ ރައްޔިތުންނަށް ތިން އަހަރު ވަންދެން 27 ގައުމެއްގައި ތިބުމާއި މަސައްކަތް ކުރުމުގެ ހައްގު ދިނުމަށް އީޔޫ އިން ދަނީ ތައްޔާރުވަމުންނެވެ. އެފަދަ އާއިލާތަކަށް އިޖްތިމާއީ ވެލްފެއާ އާއި، ބޯހިޔާވަހިކަމާއި، ބޭސްފަރުވާއާއި، ދަރިންނަށް ތައުލީމު ލިބުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
ޔޫކްރެއިންގެ ރެފިއުޖީންނަށް އިނގިރޭސިވިލާތުން އެހީތެރިވަނީ ކިހިނެއް؟
ޔޫކްރެއިންގެ 200،000 ރެފިއުޖީން އިނގިރޭސިވިލާތަށް ގެންދެވިދާނެ ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ވިދާޅުވެފައެވެ. އަދި ވިޔަފާރިވެރިންނަށް ޔޫކްރެއިންގެ މީހަކު އެ ގައުމަށް އައުމަށް ސްޕޮންސާ ވެސް ކުރެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެކަމުގެ އިތުރު ތަފްސީލު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށްވެސް އިނގިރޭސިިވިލާތުން ބުންޏެވެ.
ޔޫކްރެއިންގެ ރައްޔިތުންނަށް ފެމިލީ މައިގްރޭޝަން ވިސާއަށް އެދި ހުށަހެޅޭނީ އާންމު ގޮތެއްގައި ޔޫކްރެއިންގައި ދިރިއުޅޭ އިނގިރޭސި ރައްޔިތެއްގެ އާއިލީ މީހެއް ނަމައެވެ.
ކިއޭވް ވިސާ ޕްރޮސެސިން ސެންޓަރު މިހާރު ބަންދުކޮށްފައި ވީ ނަމަވެސް ހުޅަނގުގެ ސިޓީއެއް ކަމަށްވާ ލިވީވްގައި ހުންނަ އޮފީސް ހުޅުވާފައި ހުންނަ އިރު، ކައިރި ގައުމުތަކުގެ ސެންޓަރުތަކުން ވެސް މީހުންނަށް ވިސާ އަށް ހުށަހެޅޭނެއެވެ.