މާލެއިން ބިން ދޫކުރުމުން ހުޅުމާލެއިން ގޯތި ނުލިބޭ މީހުންގެ މައުލޫމާތު ހުށަހެޅުމަށް އަންގައިފި

ހުޅުމާލެ/ ފޮޓޯ- އެޗްޑިސީ

ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢު " ވެށި ފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ބިން ދޫކުރުމުން ހުޅުމާލެއިން ގޯތި ނުލިބޭ މީހުންގެ މައުލޫމާތު ހުށަހެޅުމަށް ހައުސިންގް މިނިސްޓްރީން އަންގައިފިއެވެ.

ހައުސިންގް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގައި ލިޔުންދީފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ، މި މަސައްކަތް ކުރުމަށްޓަކައި މިފަދަ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ބޭނުންވާ ކަމަށެވެ.

ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުގެ ތެރެއިން، ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އާއި ގާކޮށިން ފްލެޓް ދޭނެ ކަމަށް ސަރުކާރުން ލިޔުން ދިނުމަށްފަހު ފްލެޓް ހަވާލުނުކުރެވިވާ ފަރާތްތަކާއި، މާލޭގެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބިން ދޭނެ ކަމަށް ބުނެ ސަރުކާރުން ލިޔުންދީ ބިން ހަވާލުނުކުރެވިވާ ފަރާތްތަކުން އެކަން ލިޔުމުން ހުށަހެޅުއްވުމަށް އެ މިނިސްޓްރީންވަނީ އެދިފައެވެ.

އަދި މި ހުށަހަޅާ ހުށަހެޅުމާއެކު ބައެއް ލިޔެކިޔުންތައް ހުށަހެޅުމަށްވަނީ އަންގާފައެވެ. އެގޮތުން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ނުވަތަ ގާކޮށި އަރަބިއްޔާ އިން ފްލެޓް ލިބޭނެކަން އެންގި ލިޔުމާއި، ''ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން މާލެއިން ދޫކޮށްލާ ބިމުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭކަން އަންގާ ލިޔުމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އިތުރުން ދޫކޮށްލުމަށް އެއްބަސްވި ގޭގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.

މި ލިޔެކިޔުންތައް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހުށަހެޅުމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.