ރަޝިޔާ އިން ޔޫކްރެއިން ހިފުމަށް ކުރާ މަސައްކަތް ދަނީ ހީކުރި ގޮތަށް!؟

ޔޫކްރެއިން ސިފައިން ރަޝިޔާ އިން ދޭނެ ހަމަލާ އަކަށް ތައްޔާރުވެގެން: ފޮޓޯ / ރޮއިޓާސް

ތާރީހުން މިހާތަނަށް ދައްކުވައި ދީފައި ވަނީ ހަނގުރާމައެއް ފެށުމަކީ އެ ހަނގުރާމައެއް ނިންމުމަށްވުރެ ވަރަށް ފަސޭހަ ކަމެއްގެ ގޮތުގައެވެ. މާޒީއަށް ޖެހިލާއިރު އެމެރިކާ އިން 2001ވަނަ އަހަރު އަފްގާނިސްތާނަށް އެރުމާއި 2003ވަނަ އަހަރު އިރާގަށް އެރުން އެކަނި މިސާލަކަށް ފުދެއެވެ. މި ތަންތަނަށް އަރާ ހަމަލާތައް ދިނުން ވެގެން ދިޔައީ ވަރަށް ފަސޭހަ ކަމަކަށެވެ. ނަމަވެސް އެ ހަނގުރާމަތައް ހުއްޓުވުން ވެގެން ދިޔައީ ދަތި އުނދަގޫ އަދި އިންސާނީ އެތައް ކާރިސާތަކެއް ކުރިމަތިވެގެން ދިޔަ ކަމަކަށެވެ. މިއަދު ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓީން ވެސް ދައްކަވަމުން އެ ގެންދަވަނީ އެ މިސާލެވެ.

އެހެންނަމަވެސް ތަޖުރިބާކާރުން ދެކިލައްވާ ގޮތުގައި ރަޝިޔާ އިން އެންމެ ފުރަތަމަ އަމަލުތައް ގެންގުޅުނު ގޮތާއި ހިލާފަށް މިހާރު އެމީހުންގެ އަމަލުތައް ފެންނަނީ ހީކުރި މިންވަރަށްވުރެ ދަށް ކޮށެވެ. ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ބޯޑަރު ކައިރި އަށް އެހާ ގިނަ އަދަދެއްގެ ސިފައިންނާއި އަސްކަރީ އުޅަނދާއި ހަތިޔާރު ޖަމާކުރުމުން ގިނަ ބަޔަކަށް ހީވެގެން ދިޔައީ ދެންމެ ދެންމެ ޔޫކްރެއިން ހިފާފާނެހެންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ޔޫކްރެއިން އަށް ހަމަލާ ދޭން ފެށި ނަމަވެސް ރަޝިޔާގެ ހަރަކާތްތައް ހީކުރި ވަރަށްވުރެ ލަސް ކަމަށް ރޯޔަލް ޔުނައިޓެޑް ސާވިސް އިންސްޓިޓިއުޓްގެ ޔޫރަޕިއަން ސެކްރެޓަރީ އާނޯލްޑް ވިދާޅުވިއެވެ.

ޔޫކްރެއިން ސިފައިންގެ ޓޭންކަރުތަކެއް: ފޮޓޯ / ރޮއިޓާސް

އޭނާ ވިދާޅުވީ ރަޝިޔާގެ އަދިވެސް 150،000 އާއި 190،000އާ ދެމެދުގެ އަދަދަކަށް ސިފައިން ޔޫކްރެއިންގެ ބޯޑަރު ކައިރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެއީ މިހާރު ދެމުން ގެންދާ ހަމަލާތަކުގައި އެއްވެސް ގޮތަކަށް އަދި ބޭނުން ނުކުރާ ސިފައިން ކަމަށް ވިދާޅުވިއެވެ. ފަހަރުގައި އެ ސިފައިންނަކީ ޔޫކްރެއިން އަށް އަރައިގެން މިހާރު ދެމުން ގެންދާ ހަމަލާތަކަށް ފަހުން ބޭނުން ކުރުމަށް ބައިތިއްބާފައި ތިބި ސިފައިން ކަމަށް ވެދާނެއެވެ. މިފަދަ ހަނގުރާމަތަކުގައި އަބަދުވެސް ރިޒާވް ސިފައިން ބަހައްޓައެވެ.

ރަޝިޔާ އިން ޔޫކްރެއިން އަށް ހަމަލާތައް ދެމުން ދިޔަ ނަމަވެސް އެގައުމުގެ އާޓިލަރީ ބަޑިތަކާއި ވައިގެ މަގުން ފޮނުވާ ހަމަލާތައް ދެމުން ގެންދަނީ ތަޖުރިބާކާރުން ހީކުރާ ވަރަށްވުރެ މަދުންނެވެ. ނަމަވެސް ބައެއް ފަރާތްތަކަށް އަދިވެސް ރަޝިޔާގެ ހަރަކާތްތަކާއި މެދު އެއްޗެއް ބުނަން ދައްޗެވެ. ސަބަބަކީ ޔޫކްރެއިން އަށް ހަމަލާ ދިން ގޮތުން ދެންވެސް އެމީހުންގެ އަމަލުތައް ހުންނާނެ ގޮތަކާއި މެދު އެއްޗެއް ބުނަން އަންދާޒާ ވެސް ނުކުރެވޭތީއެވެ.

ރަޝިޔާ އިން ޔޫކްރެއިން އަށް ދިން ހަމަލާއެއްގައި އުޅަނދެއްގައި ރޯވެ އަނދާ ހުލިފައި: ފޮޓޯ / ރޮއިޓާސް

މިހާތަނަށް އައިއިރު، ޑޮނެސްކް އާއި ލުހަންސްކްގެ ހިފާފައިވާ ބިންތަކުން ޔޫކްރެއިންގެ ސަފުތައް ރޫޅާލުމަށް ރަޝިޔާއިން ވަނީ ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއީ ރަޝިޔާ އިން ހީކުރިހާ ފަސޭހަ ކަމަކަށް ނުވިއެވެ. ނަމަވެސް ރަޝިޔާ އިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވް ހިފުމަށް ކުރާ މަސައްކަތް ގަދަ ކޮށްފައެވެ. އެތަން ހިފުމަށް އެހާ ބޮޑަށް މަސައްކަތް ކުރަމުން ދަނީ އެއީ ޔޫކްރެއިން ސަރުކާރު ހިންގަމުން އަންނަ މައި ރަށް ކަމަށް ވާތީއެވެ.

ޑިމޮކްރަޓިކް ހަމަތަކުން މިހާރު ޔޫކްރެއިންގައި ރައީސްކަމުގެ ހުންނެވި ޒެލެންސްކީ އަކީ ރަޝިޔާގެ ޕަޕެޓެއް ނޫނެވެ. ރަޝިޔާގެ ރައީސް ޕުޓީން ބޭނުންފުޅު ވަނީ އެކަމާއި ހެދި ޔޫކްރެއިންގައި މިވަގުތު އޮތް ގާނޫނީ ސަރުކާރު ވައްޓާލާށެވެ. ސަބަބަކީ ޕުޓިން ބޭނުންވަނީ ރަޝިޔާގެ ބާރު ހިނގާ ރަޝިޔާ އިން ބުނާހާ ގޮތެއް ހަދައިގެން ހުންނަ އެގައުމުގެ ޕަޕެޓު ރައީސެއް ޔޫކްރެއިން އަށް އައްޔަން ކުރާށެވެ.

ރަޝިޔާ އިން ޔޫކްރެއިން އަށް ދީފައިވާ ހަމަލާތަކުގެ ތެރެއިން: ފޮޓޯ / ރޮއިޓާސް

އާނޯލްޑް ވިދާޅުވާ ގޮތުގައި “ކިއޭވް ހިފުމަކީ ރަޝިއާގެ މަގްސަދުތައް ހާސިލް ވާނެ ކަމެއް ނޫން” ކަމަށެވެ.

މިހާރު އުފެދޭ ސުވާލަކީ، ޔޫކްރެއިންގެ ވެރިރަށް ކިއޭވް ހިފުމަކީ ރަޝިޔާ އަށް ކިހާ ފަސޭހަ ކަމަކަށް ވާނެތޯއެވެ. ރަޝިއާގެ ސިފައިން އަންނަނީ އެ ސިޓީ ވަށާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމުގެ ކުރިން ރަޝިޔާގެ އަސްކަރިއްޔާގެ ސިފައިންނަށް އެތަކެއް ކަންކަމާއި އަދި ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ޔޫކްރެއިން ވެސް އޮތީ އަމާން ދޭ ގޮތަކަށް ނޫނެވެ.

އެކަމަކު 190،000 ސިފައިން އިންގިލާބެއް ގެންނަން ފުދޭނެ ކަމަށް އަސްކަރީ މާހިރުން ޝައްކު ކުރެއެވެ. ޔޫރަޕްގެ ދެވަނައަށް އެންމެ ބޮޑު ގައުމު ހިފުމަށް ފުދޭތޯ ނުވަތަ ނޫންތޯ އަސްކަރީ މާހިރުން ޝައްކު ކުރެއެވެ. ޔޫކްރެއިނަކީ ފަރަންސޭސިވިލާތަށްވުރެ ބޮޑު ގައުމެކެވެ. އިރާގުގައި އިނގިރޭސި އަސްކަރީ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖެނެރަލް ބާންސް ވިދާޅުވަނީ “ޕޫޓިންގެ މަގުސަދަކީ ގާތްގަނޑަކަށް 150،000 މީހުންގެ ބާރު ބޭނުންކޮށްގެން މުޅި ޔޫކްރެއިން ހިސޯރުކުރުން ކަމުގައިވާނަމަ، އެއީ ހަމައެކަނި އާބާދީގެ ރުހުމާއެކު ކުރެވޭ މަސައްކަތެއް ކަމުގައި ނޫނީ ނުވާނެ” ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.