ޖަޕާނަކީ ރާއްޖެ ހާލުގައި ޖެހުނު ކޮންމެ ދަނޑިވަޅެއްގައިވެސް ރާއްޖެއަށް ބޮޑެތި ދީލަތި އެހީތަކެއް ވެދީފައިވާ ގައުމެއް ކަމަށާއި، ޖަޕާނުން ދޭ އެހީގެ ސަބަބުން ރާއްޖެއަށް ދިމާވާ ބޮޑެތި ނުރައްކާތައް ކުޑަ ކުރެވިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ އެމްޕަރާ ނަރުހީޓޯއަށް 60 އަހަރުފުޅުވުން ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއިން ރޭ ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ، ޖަޕާނު ސަރުކާރުގެ އެހީގައި މާލެ ވަށައިގެން އަޅާފައިވާ އެއްގަމު ތޮށީގެ ސަބަބުން މާލެ ރައްކާތެރިވެފައިވާ ކަމަށާއި، މިދިޔަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގެ އަސަރު ކުޑަވީވެސް ޖަޕާން ސަރުކާރުން ދިން ވަސީލަތްތަކުގެ ސަބަބުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖަޕާނަށް ކުރި ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި، މިއަދު ދެ ގައުމުގެ ގުޅުން އެތައް ގުނައެއް ބަދަހިވެފައި ކަމަށެވެ.
މީގެ އިތުރުން ޖަޕާނުން ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާއާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމުގެ ދާއިރާގެ އިތުރުން މީހުން ތަމްރީނުކުރުމުގައި ޖަޕާނުން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށާއި، ސަރަހައްދީ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމާއި، ޓެރަރިޒަމާއި މުއާސަލާތުގެ ދާއިރާއިން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އަލިފާން ނިއްވުމުގައި ބޭނުންކުރާ ފަޔާ ވެހިކަލަކާއި ބައެއް އާލާތްތައް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި މިއަދުވަނީ ހަވާލުކޮށްފައެވެ.
މިއަދު ހަވީރު ކަޅުކުއްތަކަލާކޮށި، މާލެ ފަޔާ ސްޓޭޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ތަކެތި ޖަޕާނު ސަރުކާރުގެ ފަރާތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
މިތަކެއްޗަކީ ކާރިސާތަކުން ރައްކާތެރިވުމަށްޓަކައި، ގާބިލްކަން އިތުރުކުރުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ތަކެއްޗެވެ.
މިއަދު މި ހަދިޔާކުރި ތަކެތީގެ ތެރޭގައި ފަޔާ ވެހިކަލަކާއި، ތިން ބްރީތިން އެޕޭރެޓަސް ސެޓް އަދި އެއް ތާމަލް އިމޭޖިން ކެމެރާ ހިމެނެއެވެ. މިއަދު ހަދިޔާކުރި ތަކެތީގެ އަގަކީ 1.3 މިލިއަން ދިވެހި ރުފިޔާއެވެ. މި ޕްރޮޖެކްޓަކީ 19 ފެބްރުއަރީ 2019 ވަނަ އަހަރު ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އާއި ޖަޕާނު ސަރުކާރާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިގެންދިޔަ ތަކެއްޗެވެ.