ރަޝިޔާ އިން ޔޫކްރެއިން އަށް އެރީ ކީއްވެ، ޕުޓިން ބޭނުންވަނީ ކޮން ކަމެއް؟

ރަޝިޔާގެ އަސްކަރީ އުޅަނދުތަކެއް: ފޮޓޯ / ރޮއިޓާސް

ކަނޑާއި އެއްގަމާއި ވައިގެ މަގުން ރަޝިޔާ އިން ޔޫކްުރެއިން އަށް ވަނީ ފަނާކުރުވަނިވި އެތައް ހަމަލާތަކެއް ދީފައެވެ. ހުޅަނގުގެ ޑިމޮކްރަސީ އޮންނަ ޔޫކްރެއިން އަކީ 44 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ ގައުމެކެވެ. މިއަދު ރަޝިޔާ އިން ޔޫކްރެއިން އަށް ހަމަލާ ދެމުން ދިޔަ ނަމަވެސް މީގެ މަސްތަކެއް ކުރިން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ވަނީ ރަޝިޔާ އިން ޔޫކްރެއިން އަށް އެއްވެސް ވަރަކަށް އަރަން ނޫޅޭ ކަމަށް ވިދާޅުވެފައެވެ. އެކަމަކު އެ ދެ ގައުމު ގުޅޭ ބޯޑަރު ކައިރިއަށް ރަޝިޔާގެ އެތައް ހާސް ސިފައިންނެއް ފޮނުވިއެވެ. ވިދާޅުވީ ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަަށެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން ޔޫކްރެއިން އަށް ހަމަލާ ދިނީ ކީއްވެ؟

ރަޝިޔާގެ ރައީސް ޕުޓިން ސްޕެޝަލް މިލިޓަރީ އޮޕަރޭޝަނެއް އިއުލާން ކުރުމާއެކު އެގައުމުގެ އަސްކަރިއްޔާގެ މީހުން އަންނަނީ އެކި ދިމާތަކުން ޔޫކްރެއިންގެ ވެރިރަށަށް ކިޔެވް އަށް އެރުމުގެ މަސައްކަތް ކުރަމުންނެވެ. ޕުޓީން ގަބޫލުކުރައްވާ ގޮތުގައި ޔޫކްރެއިންގެ މިހާރުގެ ސަރުކާރުން އެގައުމު ހިންގަމުން ގެންދާ ގޮތަކީ ރަޝިޔާގެ ސަލާމަތަށް ނުރައްކާ ވެދާނެ ގޮތެކެވެ.

ރަޝިޔާ އިން އެންމެ ފުރަތަމަ ވެސް ހަމަލާ ދިނީ އެއާޕޯޓުތަކާއި އަސްކަރީ މަރުކަޒުތަކަށެވެ. ރަޝިޔާގެ އިތުރުން އެގައުމާއި ބައިވާ ބެލަރޫސް އިން ވެސް ޔޫކްރެއިން އަށް ދިޔައީ ހަމަލާ ދެމުންނެވެ.

ރަޝިޔާ އިން ޔޫކްރެއިން އަށް ހަމަލާ ދިނުމުން ޔޫކްރެއިންގެ ސަރަހައްދަކުން ދުން އަރަނީ: ފޮޓޯ / ރޮއިޓާސް

ރަޝިޔާގެ ރައީސް ޕުޓީން ހީފުޅު ކުރެއްވީ ޔޫކްރެއިންގެ މައި ސަރުކާރާއި ވަކިވެ ގަތުމަށް މަސައްކަތް ކުރާ ޔޫކްރެއިންގެ ސަރަހައްދެއް ކަމަށްވާ ޑޮނެސްކް އަދި ލުހަންސްކްގެ ރައްޔިތުންނަށް ޔޫކްރެއިން ސަރުކާރުން ވަރަށް އިހާނެތިކޮށް ކަންކަން ކުރާ ކަމަށެވެ. އެ ދެ ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އިންސާނިއްޔަތާއި ހިލާފު އަމަލުތައް ޔޫކްރެއިންގެ މައި ސަރުކާރުން ހިންގަމުން އަންނަ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ. އަދި އެ ސަރަހައްދުތަކަކީ ވަކި ދައުލަތްތަކެއް ކަމަށް ނިންމާ އެ ސަރަހައްދުތަކަށް ރަޝިޔާގެ ސިފައިން ފޮނުވީ އެ ސަރަހައްދުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި ޔޫކްރެއިން އިން ހިންގާ އިންސާނިއްޔަތާއި ހިލާފު އަމަލުތައް ހުއްޓުވުމަށް ކަމަށް ޕުޓިން ވިދާޅުވިއެވެ.

އެހެންނަމަވެސް ޕުޓިން އެ ހީފުޅު ކުރެއްވި ގޮތަށް ޔޫކްރެއިންގެ ސަރުކާރަކުން އެއްވެސް ނަސްލެއް ނުވަތަ އެއްވެސް ސަރަހައްދެއްގެ ބަޔަކު ނައްތާލުމަށް މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.

ޕުޓިން ވަނީ ޔޫކްރެއިން ކޮންޓްރޯލް ކުރަމުން ގެންދަނީ ހަރުކަށި ފިކުރުގެ މީހުން ކަމަށްވެސް މީގެކުރިން ވިދާޅުވެފައެވެ. އަދި ރަޝިޔާ އިން ވަނީ ޔޫކްރެއިންގެ ސަރުކާރާ ވަކިވެގަތުމަށް މަސައްކަތް ކުރަމުން ދިޔަ ސަރަހައްދުތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. ކޮންމެ ފަހަރަކުވެސް ރަޝިޔާ އިން ވެސް މަސައްކަތް ކޮށްފައި ވަނީ އެކި ބަހަނާތައް ދައްކައިގެން ޔޫކްރެއިން އަކީ އެގައުމުގެ ބައެއް ކަމަށް ދެއްކުމަށެވެ.

ރަޝިޔާ އިން ޔޫކްރެއިންގެ ސަރަހައްދެއްގައި ހުރި އިމާރާތަކަށް ދިން ހަމަލާގެ ތެރެއިން: ފޮޓޯ / ރޮއިޓާސް

މިފަހަރު ރަޝިޔާ އަށް ދެއްކުނު އެންމެ ބޮޑު ބަހަނާއަކީ ޔޫކްރެއިން އިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމެވެ. އަދި ނޭޓޯއާއެކު މަސައްކަތްތަކެއް ކުރުމަށް ޔޫކްރެއިން އިން މަސައްކަތް ފެށުން ކަމަށް ބުނުމެވެ. ހާއްސަކޮށް ނޭޓޯއާ ގުޅުން ބަދަހިކޮށްފި ނަމަ ރަޝިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވާ ކަމަށް ބުނެ ޔޫކްރެއިން އާއި ރަޝިޔާ ގުޅޭ ބޯޑަރު ކައިރިއަށް އެއްލައްކަ ސިފައިން ޖަމާކުރިއެވެ.

މި ހަނގުރާމައިގެ ކިހާ ހިސާބަކަށް ރަޝިޔާ އަށް ދެވިދާނެ؟

ރަޝިޔާ އިން މަސައްކަތް ކުރަމުން އަންނަނީ ޔޫކްރެއިންގެ ގާނޫނީ ސަރުކާރު މިހާރު ވައްޓާލަން ކަމަކީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އެގައުމުގެ އަމަލުތައް ހުރީ މުޅިން އެގޮތާއި ދިމާލަށެވެ. ޔޫކްރެއިން އަސްކަރިއްޔާގެ މީހުން ކައިރީގައި ރަޝިޔާގެ ސިފައިންނާއި ގުޅުމަށް ބުނަމުން އަންނާނީ އެނޫން ސަބަބެއް އެކަމުގައި އޮވެގެނެއް ނޫނެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ރަޝިޔާގެ ޓާގެޓަކީ އޭނާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމަށްވީ ނަމަވެސް ގައުމާއި ރައްޔިތުން ދޫކުރައްވާ ފިލައިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަޝިޔާގެ ދެވަނަ ޓާގެޓަކީ ޒެލެންސްކީގެ އާއިލާ ކަމަށްވެސް ވިދާޅުވިއެވެ.

ރަޝިޔާގެ ރައީސް ޕުޓިން: ފޮޓޯ / ރޮއިޓާސް

ޔޫކްރެއިން އަށް މިކަމުގައި އަދިވެސް ނޭނގޭ ކަމަކީ، ރަޝިޔާ އިން ދެން ކޮށްފާނެ ކަމެކެވެ. ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ޒެލެންސްކީ ގައުމާއި މުހާތަބު ކުރައްވާ ވަނީ، “އަންދާޒާ ކުރާކަށް ނޭނގޭ ރަޝިޔާ އިން ދެން އަޅާނެ ފިޔަވަޅަކާއި މެދު، އެކަމާއި މެދު އަހަރެންނަށް އެއްޗެއް ބުނާކަށް ނޭނގެ،” ކަމަށް ވިދާޅުވެފައެވެ.

މިދިޔަ މަހު އިނގިރޭސިވިލާތުން ވަނީ ރަޝިޔާ އިން މަސައްކަތް ކުރަނީ އެގައުމުގެ “ޕަޕެޓެއް” ޔޫކްރެއިންގެ ވެރިޔަކަށް ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އެ ވާހަކަތަކީ “ހުސް ބޭކާރު ވާހަކަތަކެއް” ކަމަށް އިނގިރޭސިވިލާތުން އެހެން ބުނުމާއެކު ރަޝިޔާ އިން ވަނީ ބުނެ އެކަން ދޮގު ކޮށްފައެވެ. އިނގިރޭސިވިލާތުން ވަނީ ރަޝިޔާ އިން ޔޫކްރެއިން ދެބައި ކުރަން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށްވެސް މިދިޔަ މަހު ބުނެފައެވެ.

ކަން ވެގެން ދިޔައީ ވެސް އިނގިރޭސިވިލާތުން ބުނިހެންނެވެ. ރަޝިޔާ އިން ޔޫކްރެއިން ދެ ބައިކޮށް އިތުރު ދެ ގައުމު އުފެއްދިއެވެ. އެ ދެ ގައުމަކީ ވެސް މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާ އިން ވަނީ ބަލައިގެންފައެވެ. ޑޮނެސްކް ޕީޕަލްސް ރިޕަބްލިކް އަދި ލުހަންސްކް ޕީޕަލްސް ރިޕަބްލިކެވެ. އެ ދެ ސަރަހައްދުތަކަކީ މިހާރުވެސް ޔޫކްރެއިންގެ މައި ސަރުކާރާއި ވަކިވެ ގަތުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ސަރަހައްދުތަކެއް ކަމަށްވެއެވެ. ކުރިންވެސް ފާހަގަކުރި ގޮތަށް ޔޫކްރެއިންގެ ތެރެއަށް ވަނުމަށް ޕުޓިން ނުވަތަ ރަޝިޔާ އިން ގެންގުޅުނު އުކުޅަކީ މި ދެ ސަރަހައްދު މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުމެވެ.

ރަޝިޔާ އިން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމާފައި ވަނީ ޑޮނެސްކް ޕީޕަލްސް ރިޕަބްލިކް އަދި ލުހަންސްކް ޕީޕަލްސް ރިޕަބްލިކް އާއެކު ހާރިޖީ ގުޅުން ގާއިމް ކުރުމަށް އެއްބަސްވުމުގައި ރަޝިޔާގެ ރައީސް ސޮއި ކުރައްވަނީ: ފޮޓޯ / ރޮއިޓާސް

މިއީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕް ނުވަތަ ހުޅަނގުގައި ހިނގާ އެންމެ ނުރައްކާތެރި ހަނގުރާމަ ކަމަށް ވެދާނެއެވެ. ގިނަ ބަޔަކު މިއީ މިހާރު ތިންވަނަ ބޮޑު ހަނގުރާމަ ކަމަށް ވެސް އަންނަނީ ބުނަމުންނެވެ. މިހާރުވެސް އެތައް ބަޔަކު މި ހަމަލާތަކުގެ ސަބަބުން މަރުވެއްޖެއެވެ. އޭގެތެރޭގައި އާއްމުން ހިމެނެއެވެ. ޖަރުމަނުން ސިފަ ކުރަނީ މިއީ “ޕުޓިން ހަނގުރާމަ” އެއް ކަމަށެވެ.

ހުޅަނގުގެ ގައުމުތަކުން ކޮށްދެނީ ކޮން ކަމެއް؟

ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެގައުމު މިހާލަތުގައި އޮތްއިރު ވެސް ހުޅަނގުގެ އެއްވެސް ގައުމަކުން ޔޫކްރެއިން އަށް އަޅާ ނުލުމެވެ. ސިފައިން ނުފޮނުވުމެވެ. ރަޝިޔާއާ ޔޫކްރެއިން އެކަނި ހަނގުރާމަ ކުރަން ޖެހުމަކީ ޒެލެންސްކީގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އެއްވެސް ގައުމަކުން މިހާތަނަށް އެއްވެސް ސިފައިންގެ ބަޔަކު ފޮނުވަން ތައްޔާރުވެފައެއް ނުވެއެވެ.

ސަބަބުތައް ވެސް އެބަހުއްޓެވެ. ރަޝިޔާ އަކީ ދުނިޔޭގެ ދެވަނަ އަށް އެންމެ ބާރުގަދަ އަސްކަރިއްޔާއެއް އޮންނަ ގައުމެވެ. އެހެންކަމުން އެގައުމާއި ކުރިމަތިލުމަށް ގައުމުތަކުން ވެސް ފަސް ޖެހެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން: ފޮޓޯ / ރޮއިޓާސް

އެކަމަކު ނޭޓޯ އިން ވަނީ ބެލްޓިކް ސްޓޭޓުތަކަށް ބައެއް ސިފައިން ފޮނުވާފައެވެ. އެއީ 5،000 ސިފައިންނެވެ. އޭގެއިތުރުން ޕޮލެންޑާއި ރޯމޭނިޔާ އާއި ބަލްގޭރިޔާ އާއި ހަންގޭރީއަށް ވެސް 4،000 ސިފައިން ފޮނުވާފައިވެއެވެ.

މީގެއިތުރުން ދެން ހުޅަނގުގެ ގައުމުތަކުން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ މާލީ އަދި އިގްތިސޯދީ ގޮތުން ރަޝިޔާ އަށް ދަތި ކުރުމަށެވެ. އެގޮތުން އިނގިރޭސިވިލާތުންނާއި ހުޅަނގުގެ އެހެން ގައުމުތަކުން އަންނަނީ އެގައުމުތަކުގައި ހުރި ރަޝިޔާގެ އެކައުންޓުތައް ފްރީޒު ކުރަމުންނެވެ. އަދި ރަޝިޔާގެ އިސްވެރިންގެ އެކައުންޓުތައް ވެސް ވަނީ ފްރީޒު ކޮށްފައެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް އަދި ޖަރުމަނުގެ ޗާންސެލަރު: ފޮޓޯ / ރޮއިޓާސް

ޕުޓިން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ޔޫކްރެއިން އާއި ރަޝިޔާ އަކީ އެއް ގައުމެއް ކަމަށެވެ. އެއީ އެއްބައެއް ކަމަށެވެ. އަދި މިއަދު ތަރައްގީވެފައިވާ ޔޫކްރެއިން އަށް އެ ތަރައްގީ އައިސްފައި ވަނީ ރަޝިޔާގެ ސަބަބުން ކަމަށެވެ. އެކަމަކު މިހާރު ޔޫކްރެއިން ކޮންޓްރޯލް ކުރަނީ ހުޅަނގުގެ އެހެން ގައުމުތަކުން ކަމަށް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.