އިމްރާން ރައީސް ޔާމީނާއި ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް/ ފޮޓޯ- އަވަސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ބައްދަލުކުރައްވައިފި އެވެ.

މޯލްޑިވްސް ކަރެކަޝަންސް އިން ބުނީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުހައްމަދުފުޅު މާފުށި ޖަލަށް މިއަދު ޒިޔާރަތް ކުރައްވާ އެތަނުގެ އާންމު ހާލަތު ބައްލަވާލާފައިވާ ކަމަށެވެ.

އަދި މިޒިއާރަތުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވައި، ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައިވާކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ކުރީގެ ރައީސް ޔާމީން އާލަސްކަންފުޅާއި އުޅުއްވާތީ އައިޖީއެމްއެޗްގައި ފަރުވާދެއްވުމަށް ފަހު އަނބުރާ މާފުއްޓަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް ޔާމީން ހޮސްޕިޓަލުގައި އެޑްމިޓު ކުރެއްވީ ޓެސްޓުތަކެއް ހެދުމަށެވެ. ރައީސް ޔާމީން އެޑްމިޓު ކުރައްވާފައި ވަނީ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދުމުގެ ގޮތުންނެވެ. ހޮސްޕިޓަލުން އެމަނިކުފާނު ދޫކޮށްލެއްވުމާއި އެކުގައި އެމަނިކުފާނު ވަނީ އެނބުރި ޖަލަށް ގެންގޮސްފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މިއަދު ހައިކޯޓުގައިވަނީ ބާއްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.