މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިމަބިހީގެ ގައުމީ ކެމްޕޭން ފަށައިފި

އެމްއެމްއާރް ވެކްސިން ޖެހުން/ ފޮޓޯ- ރައީސް އޮފީސް

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިމަބިހީގެ ގައުމީ ކެމްޕެއިނެއް މިއަދު ފަށައިފިއެވެ.

މި ކެމްޕެއިން ރަސްމީކޮށް ފައްޓަވާދެއްވީ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. "މަވެސް ޖަހައިފިން" މި ނަމުގައި ކެމްޕެއިން ހަރަކާތް ފަށާފައިވަނީ އަމީނިއްޔާ ސްކޫލުގައެވެ. ހެލްތް މިނިސްޓްރީން ބުނީ، އެ ކެމްޕެއިންގެ ދަށުން ހިމަބިހި ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައި ނުވާ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ވެކްސިން ޖެހުމުގެ ފުރުސަތު މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ކެމްޕެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ވެކްސިން ޖެހުމުގައި އެއްވެސް ރައްޔިތަކު ފަރުވާ ކުޑަ ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބައްޔަކާ ދެކޮޅަށް ކަމަށެވެ.

މާލޭގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ހުކުރު ދުވަސް ނޫން ކޮންމެދުވަހަކު ސޯޝަލް ސެންޓަރުގައި އެދުވަހެއްގެ މެންދުރު 14:00އިން ފެށިގެން ހަވީރު 17:00އާ ހަމައަށެވެ. އަދި ދަމަނަވެށީގައި ސަރުކާރު ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން މެންދުރުފަހު 13:30އާ ހަމައަށް ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެ މެނދުރުފަހު 14:00އިން ފެށިގެން ހަވީރު 17:00އަށްވެސް ދަމަނަވެށީގައި ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ. ހުޅުމާލޭގައި ވެކްސިން ދިނުން ކުރިއަށްދާނީ އެޗްޑީސީގެ ތިރީގައި ސަރުކާރު ބަންދު ނޫންކޮންމެ ދުވަހެއްގެ ހެނދުނު 9އިން މެންދުރުފަހު 15:00 ޖެހުމާއި ހަމައަށެވެ. ވިލިމާލޭ ފެރީ ޓަރމިނަލްގައި ކޮންމެ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން އިރުއޮއްސި 18:00އާ ހަމައަށް ޢުމުރުން 40 އަހަރުގެ ދިވެހިންނަށް ވެކްސިން ދިނުމުގެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

ހިމަ ބިއްސަކީ ރާއްޖެއިން މުޅިން އެއްކޮށް ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހިމަބިހި ޖެހިފައިވާ މީހަކު ވަނީ ފެނިފައެވެ. އަދި އޭގެފަހުން މިހާތަނަށް ހިމަބިއްސަށް 12 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މައުލޫމާތުދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.