މެލޭޝިޔާގެ ބޮޑުވަޒީރު މަހާތީރު މަގާމުން އިސްތިއުފާދެއްވައިފި

މެލޭޝިޔާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު/ ފޮޓޯ- ސީއެންއެން

މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިމް މިނިސްޓަރުގެ އޮފީހުން ބުނާގޮތުގައި، މަހާތީރުގެ އިސްތިއުފާގެ ސިޓީ މިއަދުވަނީ ރަސްގެފާނާ ހަވާލު ކޮށްފައެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މަހާތިރް މެލޭޝިއާގެ ޕްރައިމް މިނިސްޓަރުގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މީގެ އިތުރުން އޭނާވަނީ 1981 އަހަރުން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ބޮޑު ވަޒީރުކަން ކުރައްވާފައެވެ. އަދި އެގައުމުގެ ޕާޓީއެއްކަމަށްވާ ބަރިސަން ނޭޝަނަލް ޕާޓީގައި މަސައްކަތް ކުރައްވާފައެވެ. އުމުރުން 94 އަހަރުގެ މަހާތިރްއަކީ ދުނިޔޭގެ އެންމެ ދުވަސްވީ ޕްރައިމް މިނިސްޓަރެވެ.

މަހާތީރު އިސްތިއުފާ ދެއްވީ މެލޭޝިޔާ ގަޑިން މެންދަމު އެކެއް ޖަހާއިރުއެވެ. މަހާތީރު މެލޭޝިޔާގެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވިއިރު ޑރ މަހާތީރުގެ ބެރްސާތޫ ޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވެފައިވާ ހަބަރުތަކެއް އަންނަނީ ފެތުރެމުންނެވެ.

މެލޭޝިޔާގެ ކުރީގެ ލީޑަރު އަންވަރު އިބްރާހީމް ނުހިމަނާ އާ ސަރުކާރެއް ހަދަން އުޅޭ ކަމުގެ ތުހުމަތުގައި މެލޭޝިއާގެ ސަރުކާރުގައި ވަނީ ބޮޑެތި ކޯޅުންތަކެއް މިދިޔަ ހަފްތާގެ ތެރޭގައި އުފެދިފައެވެ. އަންވަރާއި މަހާތީރަކީ ދެ ހަތުރުންގެ ގޮތުގައި މެލޭޝިޔާގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުން އަންނައިރު މި ދެބޭފުޅުންގެ މެދުގައި ދޭތެރެ ދޭތެރެއިން ކޯޅުންތައް ހިނގައެވެ.