19ވަނަ މަޖިލީހުގައި ފުރަތަމަ ފަހަރަށް ޖަލްސާއަކަށް ނަޝީދު ސަލާމް ވިދާޅުވެއްޖެ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވާހަކަދައްކަވަނީ: ފޮތޯ / މަޖިލިސް

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ފުރަތަމަ ފަހަރަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސަލާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާ ފެއްޓެވިއިރު ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲއެވެ. އެކަމަނާ ވިދާޅުވީ މިއަދުގެ ޖަލްސާއަށް ރައީސް ނަޝީދު ސަލާމް ބުނުއްވާފައިވާ ކަމަށެވެ. އީވާ ވިދާޅުވީ ރައީސް ނަޝީދު ސަލާން ވިދާޅުވަމުން ސަލާން ވިދާޅުވާ ސަބަބު ބަޔާންކޮށް ނޯޓެއް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ސަބަބެއް ކަމަށް ބަޔާން ކުރައްވާފައިވަނީ މޯލްޑިވްސް ކޮރަލް އިންސްޓިޓިޔުޓްގެ ފަރާތުން ތުލުސްދޫގައި މިއަދާއި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާތީ ކަމަށް ކަމަށް އީވާ ވިދާޅުވިއެވެ.

އެ މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ބާވަތުގެ އުމްރާނީ މަސައްކަތުން މުރަކައިގެ ފަރުތަކުގެ ހުރި ގެއްލުމުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުމާއި އަދި މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް އަލަށް ގާއިމުކުރެވުނު މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ މަސައްކަތް ކުރިޔަށް އޮތް އަހަރުތަކަށް ރާވާ އެކުލަވާލެވި ކަމާބެހޭ ކަރުދާހުގެ ދެލި ކޮޕީއެއް ބައިވެރިންނަށް ފޯރުކޮށްދީ މަސައްކަތުގެ ބައްދަލުވުމުގައި މަޝްވަރާކުރުން ކަމަށްވެސް ނަޝީދުގެ ނޯޓު މަޖިލީހަށް އިއްވަމުން އީވާ ވިދާޅުވިއެވެ.

އިސްލާހު ކޮށްފައިވާ މަޖިލީހުގެ ގަވާއިދު މިހާރު ބުނާ ގޮތުގައި މަޖިލީހުގެ އެއްވެސް މެންބަރަކު ޖަލްސާއަށް ވަޑައިނުގަންނަވާ ނަމަ، ވަޑައިނުގެންނެވޭ ސަބަބު ބަޔާންކުރައްވާ މަޖިލީހަށް ސަލާމް ވިދާޅުވާންޖެހެއެވެ. ނޫނީ ރަސްމީ ދަތުރުފުޅެއްގައިވާނަމަ އެ ކަމެއް ބަޔާންކޮށް އަންގަން ޖެހެއެވެ. އެއްވެސް ސަބަބެއް ނެތި ހާޒިރުވެވަޑައިނުގަންނަވާ ޖަލްސާތަކަށް މެންބަރުގެ މުސާރައިން އުނިކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ. ސަލާމުގައި ތިއްބެވި ފަރާތްތަކާއި މަޖިލީހަށް އެއްވެސް ސަބަބަކާއި ނުލާ ހާޒިރު ނުވާ މެންބަރުންނާއި ރަސްމީ ދަތުރުތަކުގައި ތިއްބަވާ މެންބަރުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން އަންނަނީ އިއުލާން ކުރައްވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.