ގިނަ މީހުން ބައިވެރިވެ އެއްވުން ނުބާއްވަން ބުނުމުން އިދިކޮޅުން ކަންބޮޑުވެއްޖެ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވު،ުގެ ތެރެއިން/ ފޮޓޯ:-ޕީޕީއެމް

ކޮރޯނާ ވައިރަހާއި ގުޅިގެން ގިނަ މީހުން ބައިވެރިވެ އެއްވުން ނުބާއްވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިއްޔެ ބުނުމުން އެކަމާއި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ރޭ އެކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުމުގެ ބިރުނެތް ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވިދާޅުވަމުން ގެންދަވަނިކޮށް، އެކަމުގެ އެއްވެސް މައުލޫމަތެއް ރައްޔިތުންނާއި ހިއްސާކުރުމެއްނެތި ކުއްލިއަކަށް އެ ވައިރަސް ފެތުރިދާނެކަމުގެ ބިރު އޮތްކަން ދޭހަވާ ގޮތަށް އެޗްޕީއޭ އިން ބަޔާނެއް ނެރުމުން ކަންބޮޑުވާ ކަމަށެވެ.

ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ގިނަ މީހުން އެއްވެގެން ހިންގާ ހަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކުރުމުރުމުން ދޭހަވަނީ ރާއްޖޭގައި އެ ބަލި ފެތުރޭނެކަމުގެ ބިރު އިންތިހާއަށް އޮތްކަން ކަމަށެވެ. މިކަމަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅު ކޯލިޝަންގެ ނޫސްބަޔާނުގައި ރައްޔިތުން ހޭލުންތެރި ކުރުވުމަށް އެއްވެސް ކަމެއް ސަރުކާރަށް ކުރެވިފައި ނުވާ ކަމަށް ބުނެފައިވެއެވެ. އަދި ވައިރަހާއި ގުޅިގެން ސަރުކާރުން ދެމުން ދިޔަ މައުލޫމާތުތައް މެދުކެނޑިފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު އޮތް ކަމަށް ވާނަމަ އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށާއި، އެ ބައްޔާއި ގުޅޭ ފުރިހަމަ މައުލޫމަތު އޮޅުވާލުމެއް ނެތި ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ އެބަލި ޖެހިދާނޭ އުމުރުގެ ހުރިހާ މީހުން އެމީހުންގެ ރައްކާތެރިކަމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ގޮވާލާ ކަމަށެވެ. މީގެއިތުރުން މިފަދަ ބިރުވެރި ހާލަތެއް ރާއްޖޭގައިނެތް ކަމަށް ވާނަމަ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ހިނގައިދާނެ ފަދަ ގޮތަކަށް ބަޔާންތައް ނެރުން ހުއްޓާލުމަށްވެސް ވަނީ އިދިކޮޅުން ގޮވާލާފައެެވެ.

އެޗްޕީއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ހާލަތު އެ އޭޖެންސީއިން ބަލަމުން އަންނަ ކަމަށާއި، އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝީއާގެ ބައެއް ގައުމުތަކުގައި، ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް މިބަލި ފެނި، އެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ޖަޕާން، ސިންގަޕޫރު، ހޮންގް ކޮންގް، ސައުތް ކޮރެއާ، ތައިލެންޑް، އީރާން، އިޓަލީ، އަދި ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ދަތުރު ކުރައްވާ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި، ސަރަހައްދުތައް ދެނެގަތުމާއި، އެ ގައުމެއްގެ ސަރުކާރުން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ، އެކަންކަމަށް އަމަލު ކުރުމަށް އެޗްޕީއޭއިޖން އިލްތިމާސްކުރެއެވެ

Leave a Reply

Your email address will not be published. Required fields are marked *