ޖިންސީ ގޯނާކުރި ކާފަ އާއި މުނިކާފަގެ ޝަރީއަތް މިއަދު ބާއްވަނީ

ދެއަހަރު ކުޑަ ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ ކާފަ އާއި މުނި ކާފަ-

ގއ. ކަނޑުހުޅުދޫގައި ދެއަހަރު ނުވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުވާކޮށްފައިވާ އެކުއްޖާގެ ކާފަ އާއި މުނިކާފަގެ ޝަރީއަތް މިއަދު ފެށުމަށް ނިންމައިފިއެވެ.

މި މައްސަލާގައި ފުލުހުން ދައުލަތުގެ ފަރާތުން ކުއްޖާގެ ކާފަ އަދި މުނިކާފަގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 10:30 ގައެވެ.

މިދައުވާ އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު އަމަލުކުރާ ޚާއްޞަ އުސޫލުގެ ދަށުންނެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ އާއި 82 އަަހަރުގެ ހަސަން މޫސާ ދީދީ އެވެ.

މި މައްސަލާގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ އިތުރުން އެ ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކުރީ އެ ކުއްޖާ އަށް އިހުމާލުވުމުގެ ތުހުމަތުގައެވެ. ނަމަވެސް އެކުއްޖާގެ ބައްޕަވަނީ ފުލުހުންގެ ހައްޔަރުން ދޫކޮށްލާފައެވެ.

ކުއްޖާގެ ބައްޕަ ހައްޔަރުކުރީ އިހުމާލުވުމުގެ ތުހުމަތުގައެވެ. ފުލުހުން އެ ކުއްޖާގެ ބައްޕަ ދޫކޮށްލިއިރު އެކުއްޖާގެ މަންމައާ އަދި ބައްޕައަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަން އެނގި ތިބެ އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި މައްސަލައިގައެވެ.

މި މައްސަލާގައި ފުލުހުން ވަނީ ކުއްޖާގެ ކާފަ އަދި މުނިކާފަގެ މައްޗަށްވެސް ދައުވާ އުފުލާފައެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ފުލުހުން ބުނީ ކުއްޖާގެ ބައްޕަ ދޫކޮށްލީ ޕީޖީއާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *