ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުން ފަސްކޮށްފި

އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދިނުން އަންނަ ބުދަ ދުވަހަށް ފަސްކޮށްފިއެވެ.

ކުރިން ނިންމާފައިވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދިނުން މިއަދު ހިނގާ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރުމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި އެކަން އެޖެންޑާ ކޮށްފައެއްނުވެއެވެ.

"ހަތާވީސް އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ މަޖިލިސް މެންބަރަކު މިއަދު ވިދާޅުވީ ރިޔާސީ ބަޔާނަށް ޖަވާބު ދިނުން އަންނަ ބުދަ ދުވަހަށް ފަސްކޮށް އެކަން ޕާޓީއަށް އަންގާފައިވާ ކަމަށެވެ.

ރިޔާސީ ބަޔާނަކީ ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެމައްޗަށް އެކުލެވޭގޮތަށް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންޖެހޭ ބަޔާނެކެވެ. އަދި ރިޔާސީ ބަޔާނަށް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ މެންބަރުން ގިނަ ޕާޓީގެ ލީޑަރު ޖަވާބުދެއްވަން ވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިއްބެވިއިރު ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު ޕީޕީއެމްގައެވެ. އެއީ 6 މެންބަރުންނެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

Leave a Reply

Your email address will not be published. Required fields are marked *