ކައުންސިލް އިންތިހާބަށް އަނެއްކާވެސް އޮބްޒާވަރުން ހޯދަނީ

އިލެކްޝަން ކޮމިޝަނުގެ މެންބަރުންތައް/ ފޮޓޯ- އީސި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަލުން އިޢުލާނުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓުގައި އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އެކޮމިޝަނުން ކުރި އިޢުލާނުގެ މުއްދަތު ހަމަވިއިރު އެކަށީގެންވާ ޢަދަދަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައި ނުވާތީ އަލުން އިޢުލާން ކޮށްފައިވާ ކަމަށެވެ.

އީސީއިން ބުނީ އޮފިޝަލަކަށް ވުމަށް ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، މާލޭގައިނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް އަދި އަތޮޅުތެރޭގައި ނަމަ ރަށު/އަތޮޅު/ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދޭކަމަށެވެ. ނުވަތަ އީމެއިލް ކުރާނަމަ  [email protected]އަށް ފޮނުއްވުމަށް އީސީއިންވަނީ އެދިފައެވެ.

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުންގައި ހިމެންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން، އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން، އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން، މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން އަދި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv  އިން ލިބެންހުންނާނެ ކަމަށެވެ. އަދި ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އޮފިޝަލުންގެ އުޖޫރައަށް ބަލާނަމަ، ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1800ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ /1600ރުފިޔާ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ -/1500ރުފިޔާ، ވޯޓު ގުނާ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ -/1200ރުފިޔާ އަދި ރިސާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/500ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިން އެލަވަންސްގެ ގޮތުގައި ތިންސަތޭކަ ރުފިޔާ ލިބޭނެ ކަމަށެވެ. މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މާރިޗު މަހުގެ ތެރޭގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.