ފަތުހް ހައްޖު ގްރޫޕުން ފައިސާ ނެގި ތިން މީހަކަށް ފައިސާ ދައްކަން ހުކުމްކޮށްފި

ދިވެހި ހައްޖުވެރިންތަކެއް: ފޮޓޯ / އަވަސް

ދެހާސްތޭރަ ވަނަ އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް އޭރުގެ އިސްލާމިކް މިނިސްޓްރީން ހުޅުވާލުމާއި ގުޅިގެން އަލް ފަތުހް ހައްޖު އެންޑް އުމްރާ ގްރޫޕަށް ފައިސާ ދެއްކި ތިން މީހަކަށް ހައްޖަށް ނުދެވި އަދި ދެއްކި ފައިސާ ވެސް އަނބުރާ ނުލިބޭ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ތިން މީހުންގެ ފައިސާ އެމީހުންނަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕަށް ދޫކޮށްފައި ވަނީ 125 މީހުންގެ ކޯޓާއެކެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން ދޫކުރި ކޯޓާގެ އިތުރަށްވެސް އެ ގްރޫޕުން ވަނީ މީހުންގެ އަތުން ފައިސާ ނަގާފައެވެ. އަދި އަނބުރާ ފައިސާ ނުލިބޭ ކަމަށް ބުނެ ތިން މީހަކު ސިވިލް ކޯޓަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މައްސަލައެއް ހުށަހެޅިއެވެ.

އެ މައްސަލައިގެ ހުކުމް ކުރީ މި މަހުގެ 19ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ އެ މައްސަލައިގެ ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން މައްސަލަ ހުށަހަޅާފައިވާ ތިން މީހުންނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް އަލްފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕަށާއި އެ ކުންފުނީގެ ޑިރެކްޓަރުންނަށް އަންގައި އަމުރުކުރާ ކަމަށެވެ.

މި މައްސަލަ މި ތިން މީހުންނަށް ހުށަހަޅާ މި ތިން މީހުންގެ ފަރާތުން ކޯޓުގައި ތަމްސީލް ކޮށްދީފައިވަނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ އިންނެވެ.

އަލް ފަތުހު ޖަމާއަތަށް ސަރުކާރުން ދޫކުރި 125 މީހުންގެ ކޯޓާއަށް ވުރެ އިތުރަށް މީހުންގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސްދީފައި ނުވުމުން އެ ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ސަރުކާރުގެ ޚަރަދުގައި އެ އަހަރު ވަނީ ހައްޖަށް ފޮނުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.