ޓީއެމްއޭގެ ޝަކުވާތަކަކަށް ނިމުމެއް ނެތް!

ޓީއެމްއޭގެ ސީޕްލޭން ބޯޓުތަކެއް --

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އާ ސީޕްލޭން ޓާމިނަލުން ސަރުކާރުން ދޭން ނިންމާފައިވާ ޖާގަ އިއުލާން ކުރުމުންވެސް އެކަން އެގޮތަށް ބޭނުން ނުވާ ފަދަ މޭރުމަކުން ޓީއެމްއޭއިން އަނެއްކާވެސް ވާހަކަދައްކައިފިއެވެ.

ޓީއެމްއޭއިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ޓީއެމްއޭއާ އެމްއޭސީއެލްއާ އެކުގައި ކުރިޔަށް ދިޔަ ބައްދަލުވުންތަކަކީ އެމްއޭސީއެލްގެ މަންދޫބަކުވެސް އިނދެމެ ކުރިޔަށްދިޔަ ބައްދަލުވުންތަކެއް ކަމަށެވެ. އަދި އެ ބައްދަލުވުންތަކަކީ ހަމައާ އުސޫލުގެ ތެރެއިން "ގުޑް ފެއިތު"ގައި ކުރިޔަށްދިޔަ ބައްދަލުވުންތަކެއް ކަމަށް ޓީއެމްއޭއިން ބުންޏެވެ.

ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ދިނުމާއި ގުޅޭ ޝަރުތުތައް ބަޔާންކޮށް އެމްއޭސީއެލްއިން ފޮނުވާ ސިޓީތަކުގައި ސޮއިކޮށްފައިވަނީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޮމާޝަން ހުސައިން ފަޒީލްކަން ފާހަގަކޮށް ޓީއެމްއޭއިން ބުނީ އެ ސިޓީތަކުގައި ބުނެފައިވާ ވާހަކަތަކަކީ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ ބޯޑުން ވެސް އެޕްރޫވް ކުރެވިގެން ފޮނުވާ ސިޓީތަކެއް ކަމަށް އެކި ފަހަރުތައް މަތިން އެމްއޭސީއެލްއިން ބުނެފައިވާ ކަމަށެވެ.

ޓީއެމްއޭއިން ބުނީ ފަޒީލް ސޮއިކޮށް ފޮނުވި ސިޓީތަކަކީ އެމްއޭސީއެލް ގެ އޭރުގެ އެމްޑީ އާދިލް މޫސާ، އެޕްރޫވް ކޮއްގެން ފޮނުވި ސިޓީތަކެއްކަން ފަޒީލް ވަނީ މަޖިލީހުގައިވެސް ބަޔާންކޮށްފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވާލެވުނު އެމްއޭސީއެލް ގެ އާބޯޑަށް، ރައީސް ޔާމީންގެ ދައުރުގައި އެމްއޭސީއެލް އިން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރަން ފުރުސަތު ލިބިމެ، އާ ބޯޑުންވެސް، އެތައް ފަހަރެއްގެ މަތިން، ޔަގީންކަން ދެމުންއައީ ކުރިން ވެވިފައިވާ ކޮމިޓްމަންޓްތައް ރަނގަޅުކަމަށާއި އަދި އެކޮމިޓްމަންޓްތައް ފުއްދާދޭނެ ކަމަށް ކަމަށް ޓީއެމްއޭއިން ބުންޏެވެ.

އެމްއޭސީއެލްއާ އެކުގައި ވެވުނު ބައްދަލުވުންތަކާއި އެއްބަސްވުމަކީ ތެދުވެރި ނިޔަތުގައި ޓީއެމްއޭއިން ބައިވެރިވި ބައްދަލުންތަކެއްކަން ފާހަގަކޮށް އެކުންފުނިން ބުނީ ފުޅާވަމުން އަންނަ އޮޕަރޭޝަނަށް އެކަށޭނެ ޖާގައެއް ލިއްބައިދޭނެ އެއްބަސްވުމެއް ކަމަށްވެސް ޓީއެމްއޭއިން ބުންޏެވެ. ޓީއެމްއޭއިން ބުނީ މިވަގުތުވެސް އެކުންފުނިން ދަނީ 80 ރިސޯޓަށް ރަނގަޅު ފެންވަރުގައި ހިދުމަތް ދެމުން ކަމަށެވެ.

ޓީއެމްއޭ މައްސަލާގައި އެންމެ ފަހުން ސަރުކާރުން ބުނެފައިވަނީ ސީޕްލޭން ޓާމިނަލް މައްސަލާގައި ސަރުކާރުން ނިންމި ނިންމުމަކީ އެންމެ އިންސާފުވެރި ނިންމުން ކަމަށެވެ.

ސަރުކާރުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ގާއިމްކޮށްފައިވާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި ވަކި އޮޕަރޭޓަރަކަށް އެތަން ހިންގުން ހަވާލު ކުރުމުގެ ބަދަލުގައި ސަރުކާރުން ބެލީ އެކަމުގައި ސަރުކާރަށް އެންމެ ފައިދާ ކުރާނެ ގޮތް ކަމަށެވެ. އެހެންކަމުން މިހާރު ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ސަބަބުން އެމްއޭސީއެލަށް އަހަރެއްގެ މައްޗަށް 33 މިލިއަން ޑޮލަރުގެ ފައިދާވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އާ ޓާމިނަލްގެ ލައުންޖް ހަދަން އޮތް ސަރަހައްދުން 81 ޕަސެންޓްގެ ބޮޑު ޖާގައެއް ދޭން ކުރީގެ ބޯޑުން ނިންމައި، މެނޭޖްމަންޓުން ގެންދިޔައީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ޓީއެމްއޭއަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރެއް 10:35 ޑޮލަރަށް، ކުރިއަށް އޮތް ދެ އަހަރަށް ދޭށެވެ.

Leave a Reply

Your email address will not be published. Required fields are marked *