މިފަހަރު ލީކްވި އޯޑިއޯގައި ނަހުލާގެ ނުރުހުމުގެ ބަސްތަކެއް އަލީ ވަހީދަށް!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ: ފޮޓޯ / އަވަސް އަދި މިހާރު

ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ ނުރުހުގެ ބަސްތަކެއް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ރައްދު ކުރާ އަޑު އިވޭ އޯޑިއޯއެއް ލީކް ކޮށްލައިފިއެވެ.

މި އޯޑިއޯއަކީ މީގެކުރިން ލީކްވި އޯޑިއޯއެއްގައި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާއާ ގުޅުވައިގެން އަލީ ވަހީދު އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ގާތުގައި ދެއްކެވި ވާހަކަތަކާއި ގުޅުވައިގެން މިނިސްޓަރު ނަހުލާ އަލީ ވަހީދު ގާތުގައި ދެއްކެވި ވާހަކަތަކާއި ގުޅޭ އޯޑިއޯއެކެވެ.

މި އޯޑިއޯގައި މިނިސްޓަރު ނަހުލާ ވަނީ އަލީ ވަހީދު ކަންތައް ކުރައްވަމުން ގެންދެވީ ވަރަށް ހުތުރުކޮށް ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ނަހުލާ ވަނީ އޭނާ މިނިސްޓަރު އަލީ ވަހީދު ގުޅައިގެން ހުންނަވަނިކޮށް ފޯނު ސްޕީކަރަށް ލީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އެ ފޯނު ސްޕީކަރަށް ލާފައި ހުރިިއިރު އަލީ ވަހީދުގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަސްއަދުވެސް އެތަނުގައި އިންނެވި ކަމަށާއި އެގޮތަށް ކަންތައް ކުރުމުން ނަހުލާ އަލީ ވަހީދަށް ކުރެއްވި އިތުބާރު ގެއްލިގެން ހިނގައްޖެ ކަމަށް ނަހުލާ ވިދާޅުވާ އަޑު އިވެއެވެ.

"އަޅުގަނޑަށް ވަރަށް އިތުބާރު ކުރިން މިނިސްޓަރަށް އެކަމަކު މިހާރު ކަންތައް ކުރި ގޮތުން އިތުބާރު ކުރާނީ ކިހިނެއްތޯ،" ނަހުލާ ވިދާޅުވާ އަޑުއިވެއެވެ.

މިނިސްޓަރު ނަހުލާ ދެއްކެވި އެ ވާހަކަތައް އަލީ ވަހީދު ވަނީ ދޮގު ކުރައްވާފައެވެ. ވިދާޅުވީ އެއީ ފޭކް އޯޑިއޯތަކެއް ކަމަށާއި އެއީ ހަދައިގެން އުޅޭ އޯޑިއޯތަކެއް ކަމަށެވެ. އަދި އަލީ ވަހީދު ވަނީ މިނިސްޓަރު ނަހުލާ ކޯފާއިސް ކުރައްވާ ވާހަކަ ނުދެއްކެވޭނެ ކަމަށެވެ.

އަލީ ވަހީދު އެފަދައިން އިންކާރު ކުރެއްވި ނަމަވެސް މިނިސްޓަރު ނަހުލާ ވަނީ އޯޑިއޯ ކްލިޕުތައް އަޑުއިވެން ހުންނައިރުވެސް އެކަމަށް އިންކާރު ކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ފޯނު ބޭއްވުމަށްފަހު ވެސް އަލީ ވަހީދު ނަހުލާއާ ދޭތެރޭ އެހާ ހުތުރުކޮށް ވާހަކަ ދައްކަވާފައިވާ ކަމަށާއި އޯޑިއޯތަކުން އެކަން ވަރަށް ސާފުކޮށް އަޑުއިވޭ ކަމަށް ނަހުލާ ވިދާޅުވާ އަޑު މިރޭ ލީކްވި އޯޑިއޯއިން އިވެއެވެ.

މިނިސްޓަރު ނަހުލާ ވަނީ އެކަމަނާއަށް އަލީ ވަހީދު "ފްލާޓު" ކުރި ދުވަސް ވަރަށް ރަނގަޅަށް ހަނދާން އެބަ ހުންނެވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމަށްވެސް އަލީ ވަހީދު އިންކާރު ކުރެއްވިއެވެ.

ނަހުލާ ވަނީ ކުރިއަށް އޮތް ތަނުގައިވެސް މީހުން ކޯލް ރެކޯޑު ކުރާނެ ކަމަށެވެ. އަދި އެއީ ސައްހަ އޯޑިއޯތަކެއްތޯ ނުވަތަ ނޫންތޯ މީހުން ސުވާލު އުފައްދާނެ ކަމަށެވެ. ނަހުލާ ވަނީ އެ ކޯލުތަކަކީ ސައްހަ ކޯލިތަކެއްކަން އަލީ ވަހީދަށް އެނގިވަޑައިގަންނަވާ ނޫންތޯ ސުވާލު ކުރައްވާފައެވެ. އެންމެފަހުން އަލީ ވަހީދު ވަނީ އޯޑިއޯ ލީކްކުރި ފަރާތްތަކުގެ "ބޮލުގައި" އެކަން އަޅުވާފައެވެ. މިނިސްޓަރު ނަހުލާ ވިދާޅުވީ އެއީ އޯޑިއޯ ލީކްކުރި މީހުންގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އޯޑިއޯ ލީކްކުރާ މީހުންނަށް ނަހުލާއާ އަލީ ވަހީދުގެ ފޯނު ކޯލު ސްޕީކަރަށް ނުލެވޭނެ ކަމަށާއި އަދި ފްލާޓްވެސް ނުކުރެވޭނެ ކަމަށް ނަހުލާ ވިދާޅުވިއެވެ. އަދި އެކޯލަކީ އެޑިޓެއް ނޫންކަން އަލީ ވަހީދާއި އެކަމަނާއަށްވެސް އެނގިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިއީ މިހާތަނަށް ލީކްވި އަލީ ވަހީދުގެ ހަތްވަނަ އޯޑިއޯ ކްލިޕެވެ. ރޭ ލީކްވި އޯޑިއޯގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހަކަށް ނާޖާއިޒު ފައިދާ ހޯދުމަށް މަސައްކަތް ކުރާ ކަމުގެ އޯޑިއޯއެއް ލީކްވެފައެވެ. މީގެކުރިން ލީކްވި އޯޑިއޯތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ކޮރަޕްޝަންގެ އަމަލުތަކަކާއި އިސްލާމްދީނާއި ހިލާފު އަމަލުތަކެއް ކުރުމަށް ބާރު އަޅާ ކަމަށް ދޭހަވާ އޯޑިއޯއެއް ވަނީ ލީކްވެފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.