މަރު ކޮމިޝަންގެ މެންޑޭޓު ފުޅާކޮށްގެންވެސް ޝިމާގެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފި

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް/ ފޮޓޮ- ރައްޔިތުންގެ މަޖިލިސް

މަރު ކޮމިޝަންގެ މެންޑޭޓު ފުޅާކޮށްގެންވެސް ޝިމާގެ މައްސަލަ ތަހުގީގު ކުރުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ގޮވާލައިފިއެވެ.

ޑިންގީއެއްގައި ގަމުން ފުރައިގެން މާމެންދޫއަށް ދަނިކޮށް، ގާދޫ ކަނޑަށް ޑިންގީ ބަންޑުން ޖަހާލުމުން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ވީ ނުވީއެއް ގެއްލުނުތާ މިއަދު އަހަރެއް ފުރުނީއެވެ. މިއަދާއި ހަމައަށްވެސް ޝިމާއަށް ވީ ނުވީއެއް އިނގިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން މޫސާ ސިރާޖް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޝިމާ ގެއްލުނު މައްސަލަ އެކަށީގެންވާ ގޮތައް ތަހުޤީގު ނުހިނގާ ކަމަށާއި، ތަހުޤީގުގެ މައުލޫމާތު އާއިލާއަށް އެކަށީގެންވާ މިންވަރަށް ދެމުން ނުދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން މަރު ކޮމިޝަނުގެ މެންޑޭޓް ފުޅާކޮށް ޝިމާގެ މައްސަލަ ތަހުޤީގު ކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށް ސިރާޖު ވިދާޅުވިއެވެ.

 

ޝިމާ ގެއްލުނީ އިބްރާހިމް ފަޒީލް ނަމަކަށް ކިޔާ މީހަކާ އެއްކޮށް ޑިންގީގައި ދަނިކޮށެވެ. ޑިންގީ ދުއްވަން އިން ފަޒީލް ވަނީ އެ ހާދިސާގައި ސަލާމަތްވެފައެވެ. އޭނާ ސަލާމަތްވީ ފަތާފައި ގޮސް ކައިރީގައި އޮންނަ ސިކްސް ސެންސަސް ލާމު ރިސޯޓަށް އަރައިގެންނެވެ.

މީގެ ކުރިންވެސް ފުލުހުން ޝިމާ ގެއްލުނު ކަމަށް ބުނާ ސަރަހައްދު ބަލާފައިވެއެވެ. އަދި އެކަމަށް ޑައިވިން ރޮބޮޓުވެސް ބޭނުންކޮށްފައިވެއެވެ.

ޝިމާ ގެއްލުނު މައްސަލައިގައި އޭނާގެ އެންމެ ބޮޑަށް ތުހުމަތު ވަނީ އޭނާއާ އެކު ޑިންގީގައި ހުރި ފަޒީލަށެވެ. ފަޒީލްއަކީ މީގެ ކުރިން ޖިނާއީ އެކި އެކި ކުށްތަކުގެ ތުހުމަތުގައި ޖަލަށްލާފައިވާ މީހެކެވެ.

ޝިމާ ގެއްލުނު ފަހުން ފަޒީލްއާއި އިތުރު ބަޔަކު ޝިމާގެއް ކޮއްކޮ ކިޑްނެޕްކޮށް ޑިންގީއަކަށް އަރުވައިގެން ދަނިކޮށް ފުލުހުން އެ މީހުން ހުއްޓުވައި ހައްޔަރުވެސް ކުރިއެވެ. އެ މައްސަލައިގައި ފަޒީލްގެ މައްޗަށް ދައުވާ ކުރަން މިހާރު ވަނީ ނިންމައިފައެވެ. އެކަމަކު ފަޒީލް ވަނީ ޝިމާގެ މައްސަލައިގައި ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނެފައި ވަނީ ޝިމާ ސަލާމަތްކުރަން އޭނާ މަސައްކަތް ކުރި ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.