ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތައް ނުބޭއްވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އާންމުން ބޭއްވި އެއްވުމެއްގެ ތެރެއިން-

ގިނަ މީހުން އެއްވެގެން ބާއްވާ އެއްވުންތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއި) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް (ކޮވިޑް-19) ގެ ހާލަތު އެ އޭޖެންސީއިން ބަލަމުން އަންނަ ކަމަށާއި، އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝީއާގެ ބައެއް ގައުމުތަކުގައި، ޗައިނާއަށް ދަތުރުކޮށްފައި ނުވާ ފަރާތްތަކުގެ ކިބައިންވެސް މިބަލި ފެނި، އެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ޖަޕާން، ސިންގަޕޫރު، ހޮންގް ކޮންގް، ސައުތް ކޮރެއާ، ތައިލެންޑް، އީރާން، އިޓަލީ، އަދި ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކުން ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ދަތުރު ކުރައްވާ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި، ސަރަހައްދުތައް ދެނެގަތުމާއި، އެ ގައުމެއްގެ ސަރުކާރުން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް ދެނެގަނެ، އެކަންކަމަށް އަމަލު ކުރުމަށް އެޗްޕީއޭއިޖން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ވަނީ، ރޯގާޖެހި ހުސް އައިސްފައި ތިބި މީހުންނާއި ކައިރީގައު ނޫޅުމާއި، ސައިނބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުން، އަދި ސައިބޯނި ނެތް ނަމަ ހޭންޑް ސެނިޓައިޒާ ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރު ކުރުމަށްފަހު އެނބުރި އައިސް، ރޯނގާ ޖެހި، ކެއްސާ، ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުނުކޮށް، ރަނގަޅު ނުވެ ގިނަ ދުވަސްވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިންވަނީ ތިން ކްރޫޒްލައިނާއަކުން ރާއްޖެ އައިސްފައިވާ 4478 މީހުންގެ ތާމަލް ސްކޭނިން އެއް ހަދާފައެވެ.

އޭގެތެރެއިން މާކޯ ޕޯލޯގައި ތިބި 341 ފަސިންޖަރުންނާއި، 643 ކްރޫއިން ޓެސްޓުކުރިއިރު، އޭގެ ތެރެއިން އަށް މީހެއްގެ ގައިން ހުމުގެ އަސަރު ފެނުނު ނަމަވެސް ސްކްރީން ކުރި އެއްވެސް މީހަކު ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރު ކޮށްފައި ނުވާ ކަމަށާއި އަދި އެކަހެރި ކުރަން ޖެހޭ ކްރައިޓީރިއަށް ނުފެތޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދި ނޯޓިކާގައި ތިބި 1034 މީހަކު ސްކްރީންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނީ 399 ފަސިންޖަރުންނާއި 634 ކްރޫ މެންބަރުންނެވެ. އެޗްޕީއޭއިން ބުނީ އެ ބޯޓުގައި ތިބި މީހުންގެ ތެރެއިން ހުމުގެ އަސަރު ފެނިފައިވަނީ ދެ މީހެއްގެ ގައިން ކަމަށެވެ.

މި މަހުގެ 20 ވަނަ ދުވަހު ކޯސްޓާ ވިކްޓޯރިއާގައި ތިބި 2460 މީހުން ސްކްރީން ކުރިއިރު، 12 މީހަކުން ހުން އައިސް ތިބިކަމަށާއި ނަމަވެސް އެއިން އެއްވެސް މީހަކު ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާއަށް ދަތުރުކޮށްފައި ނުވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

އަދި އެއްވެސް މީހަކު އެކަހެރިކުރަންޖެހޭ މިންގަނޑުތަކަށް ފެތިފައި ނުވާކަމަށް ވެސް އެޗްޕީއެން ވަނީ ބުނެފަ އެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.