ސެޓުލްމަންޓު ކޮމެޓީ ގޮވައިގެން ދައުވާކުރާނެ ދުވަހެއް އަންނާނެ: ޝިޔާމް

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ސެޓުލްމަންޓު ކޮމެޓީ ގޮވައިގެން ދިވެހި ރައްޔިތުން ދައުވާ ކުރާނެ ދުވަހެއް އަދި އަންނާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޫމަޑިއަށް ދައުލަތުން ދޭންޖެހޭ 92 މިލިއަން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހެޔޮފުޅުކަމުން ކޯޓުން ބޭރުން ނޫމަޑިއަށް ދެއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސެޓުލްމަންޓް ކޮމެޓީ ގޮވައިގެން ދިވެހި ރައްޔިތުން ދައުވާ ކުރާނެ ދުވަހެއް އަދި އަންނާނެ ކަމަށެވެ.

"ރައްޔިތުންގެ މާލިއްޔާ ހުސްކުރަނީ ރޯމާ ދުވާލު،" ޝިޔާމް ވިދާޅުވިއެވެ.

ނޫމަޑީގެ އެގްރިމަންޓް ރައީސް ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި އެ ކުންފުނިން ބަދަލު ހޯދަން ހުށަހެޅީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށެވެ. ބަދަލެއްގެ ގޮތުގައި ހޯދަން އެ ކުންފުނިން ހުށަހެޅީ 155 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ސަރުކާރުން ވަނީ، އާބިޓްރޭޝަނުން ބޭރުން މައްސަލަ ހައްލުކޮށް، މިދިޔަ އޮގަސްޓް މަހު ސެޓްލްމަންޓް އެގްރީމަންޓެއް ހެދުމަށްފަހު، އެކުންފުންޏަށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު އެކުންފުންޏަށް ދީފައެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދާދިފަހުން މަޖިލިސް ޖަލްސާއެއްގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސަރުކާރުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދެމުން އަންނަ ފައިސާއެއް ދެމުން އަންނަނީ ބަޖެޓު ކުރެވިގެން ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ބަދަލު ދޭންޖެހެނީ ކުރީގެ ސަރުކާރުން ކަން ކޮށްފައި އޮންނަ ގޮތުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ބޭއިންސާފުން ބައެއް ފަރާތްތަކަށް ކޮށްފައިވާ ކަންކަމަށް އިންސާފު ހޯދުމުގެ ގޮތުންވެސް އެތައް ބަޔަކު ސަރުކާރުގައި އެދެމުން އަންނަ ކަމަށާއި އެކަމަށްވެސް ސަރުކާރުން ހައްލު ތަކެއް ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސެޓުލްމަންޓު ކޮމެޓީއަކީ ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލަތަކާ ގުޅިގެން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލު ދިނުމުގައި ލަފާ ދިނުމަށް އޮންނަ ކޮމެޓީއެކެވެ. މީގެކުރިން ޓްރާންސްޕޭރެންސީންވެސް ވަނީ އެ ކޮމެޓީގެ މަސައްކަތްތައް ހާމަކުރުމަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *