އަދުރޭގެ ދަރިފުޅު ފައިސަލްއާ އަނބިކަނބަލުންނަށް އައިނެއް ހައްދަން އެމްބަސީގެ ބަޖެޓުން 72،438 ރުފިޔާ ހަރަދުކޮށްފި

އަދުރޭ އަދި ދަރިކަލުން ފައިސަލް --

އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ފައިސަލް އިބްރާހިމް، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވިއިރު ފައިސަލް އަށާއި އޭނާގެ އަނބިކަނބަލުން އައިނެއް ހެއްދުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބަޖެޓުން 72،438 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފިއެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ފޮރިން މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މެލޭޝިޔާ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ މެލޭޝިޔާގެ އިންޝުއަރެންސް ސްކީމުގައި ބައިވެރިވެފައި ތިބޭ ބޭފުޅުންތަކެއް ކަމަށެވެ. އެހެންނަމަވެސް އެ ސްކީމުގެ ބޭރުންވެސް ހިދުމަތްތަކެއް ހޯދާފައިވާ ކަމަށާއި އެ ހިދުމަތްތައް ހޯދާފައި ވަނީ އެމްބަސީގެ ބަޖެޓުން ހަރަދު ކޮށްގެން ކަމަށެވެ.

އެގޮތުން އެ ރިޕޯޓުގައި ބުނެފައިވަނީ އެމްބަސީގެ މިނިސްޓާ ކައުންސެލާ މަގާމުގައި ހުންނެވި ބޭފުޅަކާއި އޭނާގެ އަނބިކަނބަލުންނަށް އައިނެއް ހެއްދުމަށް އެމްބަސީގެ ބަޖެޓުން ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭރު އެ މަގާމުގައި ހުންނެވީ އަދުރޭގެ ދަރިފުޅުު ފައިސަލެވެ. އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ބުނީ ފައިސަލްއާ އޭނާގެ އަނބިކަނބަލުންނަށް ހައްދާފައިވާ އައިނަކީ ޕްރާޑާ ބްރޭންޑުގެ އައިނެއް ކަމަށެވެ.

މިއީ ދައުލަތުގެ ފައިސާއެއް މިގޮތަށް ފައިސަލް ބޭނުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ވަނީ އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓްތަކަކަށް ފައިސަލް 157،290.12ރ. ނުދައްކާ އޮތް މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ ފެންމަތިވުމުން އޭނާ ވަނީ އެފައިސާ އަލުން ދައްކާފައެވެ.

މި ފައިސާ އަނބުރާ ހޯދުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *