މުއިއްޒު ފުލުހަށް ހާޒިރުކުރުން، އާޒިމް އަކަށް "ކޫލެއް" ނޫން!

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ޕީޕީއެމްގެ ޓިކެޓުގައި މާލެސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު އަދި އިލެކްޝަންސް ކޮމިޝަނަށް ފޯމުވެސް ހުށަހެޅުއްވުމަށްފަހު ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ އިދާރައަށް ހާޒިރު ކުރުމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެކަމާއި ނުރުހުން ފާޅުކުރައްވައިފިއެވެ.

ޑރ. މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ރޭގެ ވަގުތެއްގައެވެ. ޑރ. މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގި ހަބަރާއި އެކު އާޒިމްގެ ޓްވީޓާގައި އޭނާ ވިދާޅުވީ އާޒިމް އަކީ މުއިއްޒުއާ މާ ގަޔާވާ މީހެއް ނޫން ކަމަށެވެ. އެހެންނަމަވެސް މުއިއްޒު ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވި ހިސާބުން އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރައްވަނީ ކީއްވެގެންތޯ އާޒިމް ސުވާލު ކުރެއްވިއެވެ.

"ދިސް އިސް ނޮޓް ކޫލް،" އާޒިމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއަށް ރޭ މުއިއްޒު ހާޒިރުކޮށް އޭނާގެ މައްޗަށް ވަނީ ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. ނޫސްވެރިންނާއި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ނޫމަޑި މައްސަލާގައި ގިނަ ތުހުމަތުތަކެއް ކުރައްވާފައިރު އަދުލު އިންސާފަށް ހުރަސް އެޅުމުގެ ތުހުމަތުވެސް ކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ދައުލަތުގެ އެކިއެކި މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރިމުގެ ތުހުމަތުވެސް މުއިއްޒަށް ވަނީ ކޮށްފައެވެ.

މުއިއްޒު ފުލުހުންގެ އިދާރާއަށް ރޭ ހާޒިރު ކޮށްފައިވާއިރު މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައިވެސް މުއިއްޒަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި މުޅި މާލެސިޓީ ހަލާކު ކޮށްލުމުގެ މޭސްތިރިޔަކީ ޑރ. މުއިއްޒުއެވެ. ނަޝީދު ވަނީ މުއިއްޒަށް “ހޮޅި މުއިއްޒު” މިފަދައިން މުހާތަބުވެސް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެތައް ދަތިތަކެއް ކުރިމަތި ކުރުވުމަށްފަހު މާލެ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން އަންނަ މުއިއްޒު ލަދު ގަންނަންޖެހޭނެ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ކުންފުންޏާ އެކު ސެޓްލްމަންޓް އެގްރިމެންޓެއް ހަދައި 55 މިލިއަން ޑޮލަރު (845 މިލިއަން ރުފިޔާ) ވަނީ ދީފައެވެ.

ކޯޓް އޮފް އާބިޓްރޭޝަނަށް ޑރ މުއިއްޒު ވަނީ ބަޔާނެއް ދެއްވާފައެވެ. ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ބައެއް މެންބަރުން ވަނީ ސަރުކާރަށް ނޫމަޑިއަށް އެހާ ބޮޑު އަދަދެއްގެ ފައިސާ ދޭން ޖެހުނީ ޑރ މުއިއްޒު ނޫމަޑިއާއި އެއްކޮޅަށް ބަޔާން ދެއްވައިގެން ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.