އަނެއްކާވެސް އަލީ ވަހީދުގެ ލީކެއް، ވިޔަފާރިވެރިއަކަށް ރަށެއް ހޯދައި ދޭން އުޅޭ ވާހަކަތަކެއް!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު-- ފޮޓޯ / މިހާރު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރާއްޖޭގެ ވިޔަފާރިވެރިއަކަށް ރަށެއް ހޯދައި ދިނުމަށް މަސައްކަތް ކުރަން އުޅުނު ކަމުގެ ވާހަކަތަކެއް އަޑު އިވޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި މިރޭ ލީކު ކޮށްލައިފިއެވެ.

"ލީކްސް އެމްވީ"ގެ ނަމުގައި ހިންގާ ޓްވީޓާ އެކައުންޓަކުން އަލީ ވަހީދުގެ އޯޑިއޯތަކެއް މީގެކުރިންވެސް ވަނީ ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައެވެ. އެގޮތުން މިރޭ ލީކް ކޮށްލާފައި މިވަނީ އަލީ ވަހީދުގެ ހަވަނަ އޯޑިއޯ ކްލިޕެވެ.

މިރޭގެ އޯޑިއޯގައި އަލީ ވަހީދު ވާހަކަ ދައްކަމުން ގެންދަނީ ރާއްޖޭގެ ވިޔަފާރި ވެރިއަކާކަން އެނގެއެވެ. ނަމަވެސް އެއީ ސީދާ ކޮން ވިޔަފާރިވެރިއެއް ކަމެއް ނޭނގެއެވެ. އެމީހާއާ ގުޅުމަށްފަހު އަލީ ވަހީދު ވިދާޅުވާ އަޑު އިވެނީ ރާއްޖޭގެ ރަށެއް އޭނާއަށް ހޯދައި ދިނުމަށް ކުރާ މަސައްކަތުގެ ވާހަކައެވެ. އަދި އަލީ ވަހީދު އެ ވިޔަފާރިވެރިޔާ އަށް އެރަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައެވެ.

އެ އޯޑިއޯގައި އަލީ ވަހީދު ވަނީ އިންވެސްޓަރާއި ވާހަކަދެއްކުމަށްފަހު ބައްދަލުވުމެއް ހަމަޖައްސާފައެވެ. ހަމައެއާއެކުގައި ވިޔަފާރިވެރިޔާއަށް އެ ރަށް ހޯދައި ދިނުމާއި ގުޅޭ ގޮތުން ރައީސްއާއި ވާހަކަ ދައްކަވާފައިވާ ކަމަށާއި އެކަމުގައި ރައީސްގެ އާނބަސް ހޯދައިފާވާ ކަމަށްވެސް ވިދާޅުވާ އަޑުއިވެއެވެ.

"ޖަޒީރާ ރާއްޖޭގައި އާޓިފިޝަލް ރަށެއް ހަދައިގެން ނުވާނެއޭ މަބުނިން ރައީސް ގާތުގައި. ރައްޔިތުންގެ ލޯބި ލިބޭ ކަހަލަ ނިންމެވުންތައްވެސް ބައެއް ފަހަރު ނިންމަވަން ޖެހޭނެ ކަމަށްވެސް ބުނިން. އެހެން ބުނީމަ ރައީސް ވިދާޅުވީ އެކަމައިގެން އަލީ ވަހީދު ކުރިޔަށް ދާށޭ،" އޯޑިއޯގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މި އޯޑިއޯއަކީ މި މަހުގެ 13ވަނަ ދުވަހު މިނިސްޓަރު އަލީ ވަހީދު ދެއްކި ވާހަކަތަކެއް ކަމަށްވެއެވެ. އަދި ހަމަ އެ ދުވަހު ވިޔަފާރިވެރިޔާއާ އެކުގައި ސިއްރު ބައްދަލުވުމެއް ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުމަށް ތާވަލުކުރިއެވެ.

ވިޔަފާރިވެރިޔާއާ ވާހަކަދައްކާ ނިންމުމުން އަލީ ވަހީދާއި އެކު އެވަގުތު އިންނެވި އަލީ ވަހީދުގެ ގާތް އެކުވެރިއެއް ކަމަށްވާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) އަލީ ވަހީދު ގާތުގައި ވިޔަފާރިވެރިޔާ މިކަމުގައި ދޭން ޖެހެނީ ކިހާ އަދަދެއްގެ ފައިސާއެއްކަން އެނގޭތޯ އަހައެވެ. ޖަވާބުގައި އަލީ ވަހީދު ވިދާޅުވަނީ މަޑު މަޑުން ކަންކަން ކުރަމުން ގޮސް ވިޔަފާރިވެރިޔާ އަތުން ލާރިގަނޑު ހޯދާނީ ކަމަށެވެ.

މީގެކުރިން ލީކްވި އިތުރު އޯޑިއޯއެއްގައިވެސް ކޮރަޕްޝަންގެ ވާހަކަތަކެއް ދައްކާފައިވެއެވެ. އެއީ ވެހިކަލްތަކެއް އެތެރެ ކުރަން އުޅޭ ކަމުގެ ވާހަކަތަކެކެވެ. މީގެއިތުރުންވެސް ލީކްވެފައިވާ އޯޑިއޯ ކްލިޕުތަކުގައި ދައުލަތުގެ ވަޒީރުންނަށް ހުތުރު ބަސްތައް އަލީ ވަހީދު ގޮވާފައިވާ އޯޑިއޯ ކްލިޕުތަކެއްވެސް ވަނީ ލީކުވެފައެވެ. އަދި ހަމައެއާއެކުގައި އިސްލާމްދީނާއި ހިލާފު އެތައް އަމަލުތަކެއް ކުރުމަށް ބާރު އަޅާ އޯޑިއޯ ކްލިޕެއްވެސް ދާދިފަހުން ވަނީ ލީކްވެފައެވެ.

މި އޯޑިއޯތަކާއި ގުޅިގެން އަލީ ވަހީދު ވިދާޅުވެފައިވަނީ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށެވެ. އަދި އޭނާވަނީ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައެވެ. ތަހުގީގު ކުރުމުން ހަގީގަތް ސާފުވާނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވެއެވެ. ލީކުވެފައިވާ އޯޑިއޯ ކްލިޕުތަކާއި ގުޅޭ ޖިނާއީ ތަހުގީގެއް ފުލުހުން އަންނަނީ ކަމާބެހޭ ފަރާތްތަކާއި އެކުގައި ކުރަމުންނެވެ.

މިނިސްޓަރު އަލީ ވަހީދުގެ ހަވަނަ އޯޑިއޯ ކްލިޕު މިރޭ ލީކްވެފައިވާއިރު މި އޯޑިއޯ ކްލިޕް ލީކު ނުކުރުމަށް އެދި "ލީކްސް އެމްވީ"އަށް ބަޔަކު ވަނީ މެސެޖުވެސް ކޮށްފައެވެ. އަދި 8 ލައްކަ ޑޮލަރު ވެސް ވަނީ ހުށަހަޅާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.