ނ. އަތޮޅު އިތުރު ރަށެއްގެ ކައުންސިލް ގޮނޑިއެއް އެމްޑީޕީން ކަށަވަރުކޮށްފި

އެމްޑީޕީ އިން ބޭއްވި ހިނގާލުމެއްގެ ތެރެއިން --

ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބުގެ ނ. މާފަރު ގޮނޑި ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން އިންތިހާބަކާއި ނުލާ ކާމިޔާބުކޮށްފިއެވެ.

އެމްޑީޕީއިން މާފަރުގެ ގޮނޑި ކާމިޔާބްކޮށްފައިވަނީ އެ ގޮނޑިއަށް އެހެން ކެންޑިޑޭޓުން ވާދަ ނުކުރުމުގެ ސަބަބުންނެވެ. އިންތިޚާބަކާއި ނުލައި މާފަރު ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި މުހައްމަދު އަދްނާނެވެ.

ނި. މާފަރުގެ ގޮނޑި އިންތިހާބަކާއި ނުލާ އެމްޑީޕީއިން ހޯދާފައިވާއިރު، ނ. ކުޑަފަރީގެ ތިން ގޮނޑިވެސް ވަނީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން އިންތިހާބަކާއި ނުލާ ކާމިޔާބުކޮށްފައެވެ.

އެމްޑީޕީއަށް އެ ތިން ގޮނޑި ކަށަވަރުވީ އެ ތިން ގޮނޑިއަށް އެހެން ކެންޑިޑޭޓުން ވާދަ ނުކުރުމުގެ ސަބަބުންނެވެ. ކަށަވަރުވީ ކައުންސިލްގެ ރައީސްގެ ގޮނޑި، އެ ރަށު ވާދީ އަލީ ޝަމީމަށެވެ. އިތުރަށް ކަށަވަރުވި ދެ ގޮނޑިއަކީ  އެރަށު ކައުންސިލުން އަންހެނުންނަށް ހާއްސަކުރާ ދެ ގޮނޑިއެވެ. އެ ދެ ގޮނޑި ކާމިޔާބު ކުރެއްވީ ދިމްޝާ އަބްދުލްމަޖީދާއި ހުމާމް އަބްދުއްރަހުމާނެވެ.

އިންތިހާބަކާއި ނުލާ ގޮނޑި ކަށަވަރުކުރި މި ތިން ބޭފުޅުން އެމްޑީޕީގެ ޓިކެޓުވެސް ކަށަވަރު ކުރީ ޕްރައިމަރީއަކާއި ވެސް ނުލައެވެ. މި ތިން ބޭފުޅުންގެ ގޮނޑި ކަށަވަރުވެފައިވީ ނަމަވެސް ބާކީ އޮތް ދެ ގޮނޑިއަށް ތިން ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ.

ކުޑަފަރީ ކައުންސިލުގައި ހިމެނެނީ ޖުމްލަ ފަސް ކައުންސިލަރުންނެވެ. ތިންގޮނޑި އެމްޑީޕީއަށް ކަށަވަރުވުމާއެކު އެ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް މިހާރުވަނީ ލިބިފައެވެ.

މީގެއިތުރުން އައްޑޫ ސިޓީ ކައުންސިލަށްވެސް އިންތިހާބަކާ ނުލައި، ހިތަދޫ ބޭރުމަތި ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓް މަރިޔަމް ސައީދާ ވަނީ އެ ގޮނޑި ހޯދާފައެވެ. އެއީ މިދާއިރާއަށްވެސް އިތުރު މެންބަރަކު ކުރިމަތިލާފަ ނުވާތީއެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.