ނަޝީދުގެ ކޮރަޕްޝަން އަމަލަކީ މެންބަރުކަން ގެއްލޭނެ ކަމެއް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް-

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްދު ނަޝީދުގެ ކުރި ދަތުރެއްގައި ޓެކެޓު ގަތުމަށް ހޭދަކުރި 444 ރުފިޔާގެ ކޮރަޕްޝަން އަމަލަކީ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ފަދަ އަމަލެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ހައިލަމްގެ ޓްވީޓާގައި އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަމިއްލަ ދަތުރުފުޅެއްގައި ހަށިފާރަވެރިޔާއާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ގެންދިއުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރި ފައިސާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދެއްކުމަށް އޭސީސިއިން ރައީސް ނަޝީދަށް އެންގެވުމުގެ މާނަ ވަރަށް ސާފު ކަމަށެވެ.

އަދި އެކަމުން އެނގިގެން ދިޔައީ ރައީސް ނަޝީދު އަމިއްލަފުޅު ދަތުރުފުޅަކަށް ބައިވެރިންގެ ގޮތުގައި ގެންދިޔަ ބަޔަކަށް ޓިކެޓް ނަގައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ފައިސާ ޙަރަދުކުރިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެއްޖެ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ރައީސް ނަޝީދު ނަންގަވަންޖެހޭ ކަމަށް އޭސިސީއިން ވެސް ގަބޫކޮށްފައިވާ ކަމަށާއި، ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި، ރަސްމީ ހައިސިއްޔަތުން ނަހަމަގޮތުގައި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށެވެ.

އޭސީސީއިން ރައީސް ނަޝީދު އެ ފައިސާ ދެއްކެވުމަށް އެންގެވި އެންގެވުމަކީ ވަރަށް ބޮޑު އެންގެވުމެއްކަން ފާހަގަކުރައްވާ އެ އެންގެވުން ބެލުމުން އިނގެނީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ރައީސް ނަޝީދު ކުރައްވައިފިކަން އޭސީސީއިން ތަހުގީގުކޮށް ސާބިތުވެއްޖެ ކަމަށެވެ.

އެއްވެސް މީހަކު ކޮރަޕްޝަންގެ ކުށެއްކޮށްފިނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ސާބިތުވެއްޖެ ހިނދެއްގައި، އެކުށުގެ މަދަނީ ގެއްލުން ފޫބެއްދުމަށް އޭސީސީން ކުރަންޖެހޭ އަމުރުތައް ކުރާނެ ކަމަށްވެސް ބަޔާނުގައިވެއެވެ. ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭސީސީން ކުރަންޖެހޭ ދެވަނަ ކަމަކީ އެ މައްސަލައިގެ ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވުން ކަމަށެވެ. ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ކަމަށް އޭސީސިގެ ތަހުގީގަށް ސާބިތުވެ މައްސަލައިގެ ޖިނާއީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ނުފޮނުވައިފި ނަމަ، އޭސީސީގެ މެންބަރުންނަށް އެކުރެވެނީ ގާނޫނުލްއުގޫބަތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ، އޭސީސި މެންބަރުންގެ މައްސަލައިގެ ތަހްގީގަށް ކޮރަޕްޝަނުގެ އަމަލު ސާބިތުވުމުން، އެކަން ރައީސް ނަޝީދުގެ މަންފާގައި އިހުމާލުކޮށްފި ނަމަ ކޮންމެވެސް އެއް ދުވަހަކުން އެކަމާ ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ. އަދި ކުށްވެރިވެ އަދަބު ލިބޭނެ ކަމީ ދިވެހިރާއްޖެއިން ފެންނަން އޮތް ހަގީގަތެއް ކަމަށާއި، އެ ކޮމިޝަނުގެ މެންބަރުން އެކަން ކުރައްވާނީ ކޮން ގޮތަކަށް ކަމެއް އެނގިނުލައްވާ ކަމަށެވެ. ނަމަވެސް އެނގިލައްވާ ކަމަކީ ރައީސް ނަޝީދުގެ މައްޗަށް ތަހުގީގަށް ސާބިތުވެގެން އުޅޭ ކޮރަޕްޝަންގެ ކުށަކީ އެކުށް ޝަރީއަތަށް ސާބިތުވެއްޖެނަމަ 1 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު އަދަބެއް އަންނާނެ ކުށެއް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ޝަރުތު ގެއްލިގެންދާނެ ކަމެއް ކަމަށް ހައިލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އޭސީސީން އަންގާފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 31ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގއ. ވިލިނގިލީގައި އޮތް “ދެކުނު މަހާސިންތާ” ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް މީހަކަށް ހަަރަދު ކޮށްފައިވަނީ 1222 ރުފިޔާ ކަމަށެވެ. އަދި މަހާސިންތާ ނިންމާލުމަށްފަހު މަޖިލީހުގެ ރަީސް ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީއަށް ވަޑައިގެންނެވި ދަތުރުގައި ބައިވެރިވި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރުން ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1333 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

“ނަމަވެސް އެ ދުވަސްވަރު ކޫއްޑޫއިން މާލެއަށް ދަތުރު ކުރާ އަގުތަކަކީ 1222 ރުފިޔާ ކަމާއި މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާ ޕްރޮގްރާމުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާ އައްޑޫ ސިޓީއަށް ދަތުރު ކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދު ކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު މި ކޮމިޝަނަށް އެންގުމަށް ތިޔަ އިދާރާއަށް [މަޖިލިސް އިދާރާ] އަންގަމެވެ،” ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ސޮއިކުރައްވާ މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައިވެއެވެ.

ދެކުނު މަހާސިންތާއަކީ ހުވަދޫ، އައްޑޫ އަދި ފުވައްމުލަކު ކައުންސިލްތަކުން ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ މަހާސިންތާ އެކެވެ. ނަޝީދު ވަނީ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ފުވައްމުލަކާއި އައްޑޫއަށް ވަޑައިގެންފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.