ޑރ. މުއިއްޒު މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ---

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރަން ނިންމާފައިވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފުލުހުންގެ އިދާރާއަށް މިރޭ ހާޒިރުވާން އަންގައިފިއެވެ.

ޕީޕީއެމުން ބުނީ މުއިއްޒު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 8:00 އަށް ކަމަށެވެ. ނަމަވެސް ހާޒިރުކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ޕީޕީއެމުން ހާމަކޮށްފައެއް ނުވެއެވެ. މުއިއްޒުއާ ގުޅޭ ގޮތުން ފުލުހުންގެ މުއައްސަސާއަށް ހުށަަހަޅާފައިވާ މައްސަލައަކީ ނޫމަޑި މައްސަލާގައި އާބިޓްރޭޝަނަށް ދެ ފަހަރު ދެ ގޮތަށް ބަޔާން ދިން މައްސަލައެވެ.

ސަރުކާރުން ބުނަނީ ނޫމަޑިއަށް އެހާ ބޮޑު އަަދަދެއް ބަދަލެއްގެ ގޮތުގައި ދޭން ޖެހުނީ އާބިޓްރޭޝަނަށް މުއިއްޒު ދިން ބަޔާން ބަދަލު ކުރުމުން ކަމަށެވެ. މި މައްސަލައާ ގުޅިގެން މުއިއްޒު ވަނީ މާލިއްޔަތު ކޮމެޓީއަށް ވެސް ހާޒިރު ކޮށްފައެވެ. އަދި މުއިއްޒު ކޮމެޓީއަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގައިވެސް ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގާގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.

މި ސަރުކާރުން މިހާރު ވަނީ ނޫމަޑިއާއެކު ސެޓަލްމަންޓް އެގްރިމެންޓެއްގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ސޮއިކޮށްފަ އެވެ. އޭގައި އެއްބަސްވެވުނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނުމަށެވެ. އެއީ ގާތްގަނޑަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.