އަލީ ވަހީދުގެ އޯޑިއޯ ލީކްކުރާ "ވިސްލް ބްލޯވަރުންނަށް" ރިޝްވަތުގެ ގޮތުގައި އެއްލައްކަ ޑޮލަރު!

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ފޮޓޯ: މިހާރު

ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯ ކްލިޕުތައް "ލީކު" ކޮށްލާ ފަރާތްތަކަށް ރިޝްވަތު ހުށަހަޅައިފިއެވެ. އެމީހުންނަށް ރިޝްވަތު ހުށަހަޅާފައި މިވަނީ ހަވަނަ އޯޑިއޯ ކްލިޕެއް ވަރަށް އަވަހަށް ގެނެސްދޭނެ ކަމާއި އިންތިޒާރު ކޮށްލުމަށް އެ އޯޑިއޯ ކްލިޕުތައް ސޯޝަލް މީޑިއާގައި ލީކް ކުރަމުން އަންނަ ޓްވީޓާ އެކައުންޓުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މި ފަރާތްތަކަށް ރިޝްވަތު ހުށަހަޅާފައި މިވަނީ ވެސް ޓްވީޓާ މެދުވެރިކޮށެވެ. ޓްވީޓާއިން "ލީކްސް އެމްވީ"ގެ ޓްވީޓާ އެކައުންޓަށް ޕްރައިވެޓްކޮށް ފޮނުވާފައިވާ މެސެޖެއްގައި ވަނީ ހަވަނަ އޯޑިއޯ ކްލިޕު ލީކް ނުކޮށްލުމަށް އެދިފައެވެ. އަދި އެކަން ކޮށްދީފި ކަމަށްވާނަމަ އެއްލައްކަ ޑޮލަރު އެމީހުންނަށް ދޭނެ ކަމަށާއި އެމީހުން ބޭނުން މީހެއްގެ އަތަށް އެފައިސާ ރައްދު ކޮށްދޭނެ ކަމަށެވެ. އިތުރަށް ބުނެފައިވަނީ އިތުރު އެއްވެސް އޯޑިއޯއެއް ލީކު ނުކުރާ މަތިން ކޮންމެ މަހަކުވެސް ފައިސާ ދޭނެ ކަމަށެވެ. އަދި މިނިސްޓަރު އަލީ ވަހީދުގެ އިތުރު އޯޑިއޯއެއް ލީކް ނުކޮށްލުމަށް ވަނީ އެދިފައެވެ.

މި މެސެޖު ކުރި ފަރާތަށް "ލީކްސް އެމްވީ"އިން ވަނީ ޖަވާބުވެސް ދީފައެވެ. ޖަވާބުގައި ބުނެފައިވަނީ "ލީކްސް އެމްވީ"އަކީ ސަރުކާރުގެ ތެރޭގައި ހިނގާ ގާނޫނާއި ހިލާފު ކަންކަން ފެނި އެކަންކަން އިސްލާހު ނުވުމުގެ ސަބަބުން އެކަން ހުއްޓުވުމަށް ނިކުމެފައިވާ ބައެއް ކަމަށެވެ.

"އަހަރެމެންނަކީ އެއްވެސް ބަޔަކަށް ނިސްބަތްވާ ބައެއް ނޫން. އަހަރެމެންގެ މީހުން ހުރިހާ ތަނެއްގައި ތިބޭނެ. ތި ފަރާތުން ތި ގާނޫނާއި ހިލާފަށް ކުރާ ކަންކަމާއި ބުނާ ބަސްތަކަށް ސަމާލުވޭ،" ރިޝްވަތު ހުށަހެޅި ފަރާތަށް ޖަވާބު ދެމުން ލީކްސް އެމްވީން ބުންޏެވެ.

އަދި ބުނެފައިވަނީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ ތެރޭގައި ރިޝްވަތުގެ ހުތުރު އަމަލާ ޖިންސީ ފުރައްސާރައިގެ އަމަލުތައް ހިނގާ ކަމަށްވާ ނަމަ އާއްމުންނަށް އެކަން ލީކްސް އެމްވީން ތިލަ ކުރާނެ ކަމަށެވެ.

އަލީ ވަހީދުގެ ފަސް އޯޑިއޯއެއް މިހާތަނަށް ވަނީ ލީކްވެފައެވެ. މި އޯޑިއޯތަކުގައި މިނިސްޓަރު އަލީ ވަހީދު ކެބިނެޓު އެހެން މިނިސްޓަރުންނަށް ފާޑު ވިދާޅުވެ ހުތުރު ބަސްތައް ބޭނުން ކުރައްވާފައިވެއެވެ. ނަމަވެސް އަލީ ވަހީދު މި ހުރިހާ އޯޑިއޯތަކަކީ އެއްވެސް އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށް ދިޔައީ ވިދާޅުވަމުންނެވެ. އެންމެ ފަހުން ލީކް ކޮށްލި އޯޑިއީ ކްލިޕުގައި މިނިސްޓަރު އަލީ ވަހީދު، އިސްލާމްދީނުގައި ކުރުމަށް ހަރާމް ކޮށްފައިވާ އެތައް ކަންތައްތަކެއް ކުރުމަށް މިނިސްޓަރު އަލީ ވަހީދުގެ އަޑުން ވާހަކަ ދައްކާ ފަރާތުން ބުނެފައި ވެއެވެ.

އަލީ ވަހީދުގެ އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތީ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުންނެވެ. އަދި ހުދު އަލީ ވަހީދުވެސް ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައިފައެވެ. އޭރުން ހަގީގަތް ހާމަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *