ސޯޝަލް މީޑިއާގައި ފާޑުކީ އަންހެން ޑޮކްޓަރުގެ ދިފާއުގައި އައިޖީއެމްއެޗް!

އައިޖީއެމްއެޗް-

ބޭސް ދިނުމުގެ ކުރިން ޑޯޒް ކަލްކިއުލޭޝަން ކަށަވަރުކުރުމަށް ސިއްހީ ހިދުމަތްތެރިން ރިއާޔަތްކުރާ ޑޭޓާ ބޭސްތައް ބޭނުން ޑޮކްޓަރުން ހިފުމަކީ އެ ޑޮކްޓަރުންގެ ގާބިލްކަމާމެދު ސުވާލު އުފެދޭ ކަމެއް ނޫންކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

އައިޖީއެމްއެޗްއިން މިހެން ބުނެފައިވަނީ، އެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔަ ޑޮކްޓަރަކު ބަލި މީހުންނަށް ބޭސްދެނީ ގޫގުލް އިން ސާޗްކޮށްގެންކަމަށާއި،  އެކަމުން ދައްކުވައިދެނީ އެ ޑޮކްޓަރުގެ ނަގާބިލްކަން ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ނެވެ.

ސޯޝަލް މީޑިއާގައި އައިޖީއެމްއެޗުގެ ޑޮކްޓަރަށް ފާޑުކިޔާ ކުރި ޓްވީޓު -- މި ޓްވީޓު ކުރި ފަރާތުން ފަހުން ވަނީ ޓްވީޓު ޑިލީޓުކޮށްފައި، މިއީ ޑިލީޓުކުރި ޓްވީޓުގެ ސްކްރީން ޝޮޓެއް --

މިކަމާއި ގުޅިގެން އައިޖީއެމްއެޗްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ޑޮކްޓަރުން ބޭހެއް ދިނުމުގެ ކުރިން ވޯކް ކަލްކިއުލޭޝަން ކަށަވަރު ކުރުމަށް ނުވަތަ އެނޫންވެސް ކަމެއް ކަށަވަރު ކުރުމުގެ ގޮތުން ޞިއްހީ ޚިދުމަތްތެރިން ރިޢާޔަތްކުރާ ޑޭޓާބޭސްތަކާއި، ސޮފްޓްވެއަރއެޕް ތަކާއި މެޑިކަލް ކަލްކިއުލޭޓަރ ފަދަ ވަޞީލަތްތައް ހުންނައިރު އެއިން ވަޞީލަތެއްގެ ބޭނުން މުވައްޒަފެއް ހިފުމަކީ އެއްގޮތަކަށްވެސް އެ މުވައްޒަފެއްގެ ޤާބިލްކަމާމެދު ސުވާލު އުފެދޭ ކަމެއް ނޫންކަމަށެވެ.

އަދި އެއީ ފަރުވާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިތުރު މަސައްކަތެއް ކުރާކަމުގެ ހެއްކެއް ކަމަށާއި، އެއީ ހޮސްޕިޓަލްތަކުން އަބަދުވެސް ތަރުޙީބުދޭ ކަމެއް ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

އައިޖީއެމްއެޗްއިން ބުނީ އެ ހޮސްޕިޓަލުން ރައްޔިތުންނަށްދޭ އެއްވެސް ޚިދުމަތަކާއި މެދު ޝަކުވާއެއް އޮތްނަމަ ނުވަތަ މުވައްޒަފެއް ޢަމަލުކުރި އެއްވެސް ގޮތަކާއި މެދު ސުވާލު އުފެދޭ ކަމެއް އޮތްނަމަވެސް އެކަމެއް އެ ހޮސްޕިޓަލަށް ނުވަތަ ރާއްޖޭގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ގިނަ އިންތިޒާމުތަކެއް ހަމަޖެހިފައިވާކަމަށެވެ.

އައިޖީއެމްއެޗްއިން ބުނީ ޞިއްޙީ ޚިދުމަތްތެރިންނަކީ ވަރުބަލިކަމެއް ނެތި އަހަރުގެ ކޮންމެ ދުވަހަކު 24 ގަޑިއިރު އިންސާނީ ޤައުމީ ޚިދުމަތުގައި ތިބޭ ބައެއްކަމަށާއި، އެއްވެސް ކަހަލަ އަސާސެއް ނެތި މިފަރާތްތަކުގެ ޤާބިލިއްޔަތާމެދު ރައްޔިތުންގެ ތެރޭގައި ސުވާލު އުފައްދައި، އިތުބާރު ގެއްލުވާލަން އެއްވެސް ފަރާތަކުން ކުރާ މަސައްކަތަކީ އަދި މުވައްޒަފުންނަށް މަލާމާތާއި ފުރައްސާރަކުރުމުގެ ގޮތުން ކުރާ އެއްވެސް ޢަމަލަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ބަލައިގަންނާނެ ކަންކަން ނޫންކަމަށެވެ.

އަދި އެފަދަ ޙާލަތްތަކުގައި ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ހޮސްޕިޓަލަށާއި މުވައްޒަފުންނަށް ލިބިދެވޭ އިޚްތިޔާރުތަކުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސްނުޖެހޭނެކަމުގައިވެސް އައިޖީއެމްއެޗްއިން ބުނެއެވެ.

އަދި ހުއްދަނެތި މުވައްޒަފެއްގެ ނުވަތަ އެނޫންވެސް ފަރާތެއްގެ ފޮޓޯ ނަގައި އާއްމު ނުކުރެވޭއިރު، ހޮސްޕިޓަލްތަކުގެ ކޮންސަލްޓޭޝަން ރޫމް ފަދަ ތަންތަނުގެ ފޮޓޯ ނެގުން ފަދަ ކަންކަމަކީވެސް، ދުނިޔޭގެ ގިނަ ހޮސްޕިޓަލްތަކުގައިވެސް އެކަން އޮންނަ އުޞޫލުން، ޒަމާނުއްސުރެ އަބަދުވެސް މަނާކޮށްފައިވާ ކަމެއް ކަމުގައިވެސް އައިޖީއެމްއެޗްއިން ބުނެއެވެ.

އަދި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރުން، ނަރުހުން އަދި މެޑިކަލް/ޓެކްނިކަލް ހުރިހައި މުވައްޒަފުންނަކީވެސް ބައިނަލްއަޤްވާމީ މިންގަނޑުތަކުން ޤަބޫލުކުރާ ތަޢުލީމާއި ތަމްރީނުތައް ފުރިހަމަކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ކަމާބެހޭ ކައުންސިލްތަކުން ކަނޑައަޅާފައިވާ އިމްތިހާނުތަކާއި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް، އެ ކައުންސިލްތަކުގައި ރަޖިސްޓަރ ވެފައިވާ ޤާބިލް، ފަންނީ މުވައްޒަފުންތަކެއް ކަމަށް އައިޖީއެމްއެޗްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *