ޝިޔާމްގެ ނަސޭހަތުގެ ބަސްކޮޅެއް ސަރުކާރަށް!

ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް މީހުން ދިޔަލެއް މަދުކަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ސަރުކާރަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަވެސް ކުރަންވި ކަމަކީ ބަހާއި އަމަލާއި ދިމާ ކުރުން ކަމަށެވެ. އަދި ރައްޔިތުންނަށް ވީ ވައުދުތަކުގެ ތެރެއިން ކުޑަ މިންވަރެއް ނަމަވެސް ފުއްދުމަށް ޝިޔާމް އިލްތިމާސް ކުރެއްވިއެވެ. ޝިޔާމް ވަނީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އިހުލާސްތެރިވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

"މަންޒަރު ބަދަލުކުރީވެސް އަދި ކުރާނީވެސް ރައްޔިތުން. މުއިއްޒު ދެކެ ކޯފާވެގެން ކުރާނެ އެއްވެސް ކަމެއް ނެތް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވިއިރު އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާއަށް އާއްމު މެންބަރުންގެ ތެރެއިންވެސް މާލެސިޓީގެ އެމްޑީޕީ ސަޕޯޓަރުން ނައި މައިގަނޑު ސަބަބަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ކަންކަމަށް މި ސަރުކާރަށް ހައްލު ހޯދައި ނުދެވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު އެމްޑީޕީގެ ޕްރައިމަރީން ހޮވުނު ކެންޑިޑޭޓުން އެ ކަންކަމުގައި ހައްލު ކުރެވެން ހުރި ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރޭ އެމްޑީޕީގެ ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މީގެކުރިން ބޭއްވި އެތައް ޖަލްސާތަކަށްވުރެ މަދެވެ. އެމްޑީޕީން ރޭ ޖަލްސާ ބޭއްވޭ މުޅި ރާއްޖޭގައި ހުރިހާ ސަރަހައްދެއްގައި އެއް ވަގުތެއްގައެވެ. ރޭ ކާނިވަލުގައި އެޕާޓީގެ ޖަލްސާއަށް ގޮނޑި ޖަހާފައިވާ އަދަދަށް ބަލާލުމުން ހުދު ޖަލްސާ ތައްޔާރުކުރި ފަރާތްތަކުންވެސް ގަބޫލުކޮށްގެން ހުރީ އެޕާޓީގެ ޖަލްސާއަށް އާއްމުކޮށް މީހުން ވަންނާނެ ވަރަށް ވަންނާނެ ކަމަށެވެ.

ރޭގެ ޖަލްސާއަށް މީހުން ވަދެފައިވަނީ މިއިން ޒަމާނަކު އެމްޑީޕީގެ ޖަލްސާއަށް މީހުން ވަދެފައިވާ އަދަދަށްވުރެވެސް މަދުންނެވެ. ސޯޝަލް މީޑިއާގައި އެމްޑީޕީއަށް ފާޑު ކިޔާފައިވާ ބައެއް ފަރާތްތަކުން ބުނީ ރޭގެ ޖަލްސާއަށް ވަން މީހުންނަށްވުރެ އެމްޑީޕީގެ ހަރުގޭގައި ކަންމަތީ ބައްދަލުވުމެއް ބާއްވައިގެން އަންނަ މީހުން ވެސް މާ ގިނަ ކަމަށެވެ. ރޭގެ ޖަލްސާއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާއެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *