މުޅި ޖަލްސާގެ އަމާޒު މުއިއްޒަށް ހިފުމުން އެނގުނީ އެމްޑީޕީން މުއިއްޒުގެ ހިދުމަތް ބަލައިގެންފިކަން

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-

ރޭ ކާނިވާ ސަރަހައްދުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ކައުންސިލް އިންތިހާބު ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދެއްކި ހުރިހާ ބޭފުޅުންވެސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ބަހުގެ ހަމަލާތައް ދިނުމުން އެނގިގެން ދިޔައީ އެމަނިކުފާނުގެ ހިދުމަތް ހުދު އެމްޑީޕީންވެސް ބަލައިގެންފައިވާ ކަން ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ބޭފުޅުންގެ ހާސްކަން ރޭގައި ފެނިގެން ހިނގައްޖެ ކަމަށެވެ. އެންމެ ކުޑަ އުޖޫރައާ އެކު ބަސް ހުއްޓުނުކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ މުޅި ޖަލްސާގެ އަމާޒް ޑރ. މުއިއްޒުއާ ދިމާލަށް ހިފުމުން މުއިއްޒުގެ ހިދުމަތް އެމްޑީޕީންވެސް ބަލައިގަނެ، މޭޔަރުގެ ގޮނޑި ވާދަވެރިވެއްޖެކަން އަމިއްލަ އަށް އިއުލާންކޮށްފައިވާ ކަމަށާއި އަދި މޭވާ އަޅާ ގަސް އެނގިއްޖެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޑރ. މުއިއްޒާއި ދިމާލަށް އެންމެ ބޮޑަށް ފާޑު ވިދާޅުވީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ވިދާޅުވީ މުއިއްޒަކީ މުޅި މާލެ ސިޓީ ހަލާކު ކޮށްލުމުގެ މޭސްތިރިއާ ކަމަށެވެ. އަދި އެމަނިކުފާނު މާލޭގެ ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދިއުން ވެގެން ދާނީ ލަދުވެތި ކަމަކަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މުއިއްޒަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ގެންދެވިއިރު މުހާތަބު ކުރައްވަމުން ގެންދެވީ "ހޮޅި" މުއިއްޒު މިފަދައިންނެވެ. ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ހުރިހާ ބާރެއް މުއިއްޒުގެ އަތަށް ލައިގެން މުޅި މާލެ ސިޓީ ހަލާކު ކޮށްފައިވާ ކަމަށާއި މުއިއްޒަށް ރައްޔިތުން ދޭނެ ވޯޓެއް ނޯންނާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *